ކުޅިވަރު

ބޭލް އާއި ހަމޭސް ގަންނާނެ ބަޔަކުނެތް


ރެއާލް މެޑްރިޑުން ވިއްކާލަން އެންމެ ބޮޑަށް ބޭނުންވާ ދެ ކުޅުންތެރިން ކަމަށްވާ ހަމޭސް ރޮޑްރިގޭޒް އާއި ގެރެތް ބޭލް ގަންނާނެ ކުލަބެއް ނެތް ކަމަށް ރެއާލްއިން ބުނެފިއެވެ.

މި ދެ ކުޅުންތެރިން ވިއްކާލަން ރެއާލް ބޭނުންވަނީ ކޯޗު ޒައިނުއްދީން ޒިދާންގެ ޕްލޭންގައި ނުހިމެނޭތީއެވެ. ނަމަވެސް މި ކުޅުންތެރިން ވިއްކާލަން ރެއާލް އަށް ދިމާވެގެން އުޅެނީ މައިގަނޑު ދެ އުދަނގޫ ކަމެކެވެ.

ފުރަތަމަ ކަމަކީ ކުޅުންތެރިން ވިއްކަން ރެއާލް ކިޔާ އަގު ބޮޑުވުމެވެ. މިހެންވެ ކުޅުންތެރިން ވިއްކާލަން ރިޔާލްއިން ކިޔާ އަގު މިހާރު ވަނީ ކުޑަކޮށްފައެވެ. މި ގޮތުން ހާމޭސް ރޮޑްރިގޭޒް 25 މިލިއަން ޔޫރޯއަށް ވިއްކާން ވަނީ ނިންމައިފައެވެ.

ނަމަވެސް ހާމޭސްއަށް ރެއާލްއިން ދެމުން އަންނަ މުސާރަ ދެވޭނެ ކުލަބެއް ނެތުމުގެ ސަބަބުން މި އަގުގައި ވެސް އޭނާ ވިއްކާލަން ވަނީ ދަތިވެފައެވެ. ބޭލް އަށް ވެސް މި މައްސަލަ ދިމާވެގެން އުޅޭއިރު އޭނާ ކުލަބު ދޫކޮށްދާން އެއްބަސްނުވާ މައިގަނޑު ސަބަބަކީ ވެސް ރެއާލްއިން އެހެން ކުލަބަކަށް ގޮސްފިނަމަ މިހާރު ލިބޭ މުސާރަ ލިބުމަށް ހުރަސްތަކެއް މެދުވެރިވާނެތީއެވެ.

ރެއާލްއިން ދަނީ އަންނަ ސީޒަނަށް ކުލަބުގެ މުސާރައިގެ ބަޖެޓް ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ.