ޚަބަރު

އައި.ސީ.އީ.އެސް.ސީ.އާރު މުއާހަދާ ތަސްދީޤްކުރުމަށް މަޖިލީހުން ރުހުންދީފި


އިންސާނީ ޙައްޤުތަކާ ބެހޭ މުހިންމު މުއާހަދާއެއް ކަމުގައިވާ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތައް ތަސްދީޤްކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވައިފިއެވެ.

މި މުޢާހަދާ ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ކޮމިޓީން ނިންމި ގޮތަށް މި މުއާހަދާ ތަސްދީގު ކުރުމަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 55 މެމްބަރުންގެ ވޯޓުންނެވެ.

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރު)" މުޢާހަދާ އަކީ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އައި.ސީ.އީ.އެސް.ސީ.އާރު) ގެ ދަށުން ކަށަވަރުކޮށްދޭ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތަކާ ގުޅޭގޮތުން އައި.ސީ.އީ.އެސް.ސީ.އާރު ގެ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަކި ވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ލިއްބައިދޭ މުޢާޙަދާއެކެވެ.

އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު އެއް އަސާސްކަމަށްވާތީ، އެންމެ ފުރިހަމަ މާނައިގައި އައި.ސީ.އީ.އެސް.ސީ.އާރު އަށް ޢަމަލުކުރުމަށްޓަކައި މިމުޢާޙަދާ ތަޞްދީޤުކުރުމަކީ މުހިންމު ކަމެއް ކަމުގައި ވަޒީރުންގެ މަޖިލީހުގައި ވާހަކަދެއްކެވި މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ފުރިހަމަކަމާއެކު ތަންފީޛުކުރުމަށް ބާރުލިބޭނެ ކަމެއްކަމުގައިވެސް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރު)" މުޢާޙަދާ ފާސްކޮށްފައިވަނީ، އ.ދ. ގެ ޢާންމު މަޖިލީހުން 10 ޑިސެމްބަރު 2008 ގައެވެ. އަދި މި މުޢާޙަދާގައި ސޮއިކުރުމަށް ޤައުމުތަކަށް ހުޅުވާލާފައިވަނީ، 24 ސެޕްޓެމްބަރު 2009 ގައެވެ. ދިވެހިރާއްޖެއިން 21 ސެޕްޓެމްބަރު 2011 ގައި މިމުޢާޙަދާގައި ސޮއިކޮށްފައި ވީނަމަވެސް ދިވެހިރާއްޖެއިން އަދި މުޢާޙަދާ ތަޞްދީޤުކޮށްފައިނުވެއެވެ. މިއަދާ ހަމައަށް މިމުޢާޙަދާ ތަޞްދީޤުކޮށްފައިވަނީ މިމުޢާޙަދާގައި ސޮއިކޮށްފައިވާ 45 ޤައުމުގެ ތެރެއިން 24 ޤައުމަކުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރެއްވުމަށްފަހު، ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ޙައްޤުތައް އެފަރާތްތަކަށް ހޯދައި ދިނުމާއި، ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީސްމީހުންގެ މައްސަލަތަކުގެ ޙަޤީޤަތް ހޯދައި، ރައްޔިތުންނަށް ހާމަކޮށްދެއްވުމަކީ އެ މަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާނެ ކަމެއްކަމަށްވަނީ ވިދާޅުވެފައެވެ.