ޚަބަރު

"ސޯލަރ އެލަޔަންސް" ފްރޭމްވަރކް އެގްރީމެންޓަށް ގެނައި އިސްލާހާއެކު މަޖިލީހުން ފާސްކޮށްފި


"ފްރޭމްވަރކް އެގްރީމެންޓް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް" އަށް އިޞްލާޙު ގެނައުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވި މައްސަލަ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިމައްސަލަ ދިރާސާކުރެއްވުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށެވެ. ނަމަވެސް މިމައްސަލައިގަ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ކޮމިޓީން ނިންމަވާގޮތް ބެއްލެވުމަށް މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ. މިމައްސަލަ ކޮމިޓީން ރުހުން ދިން ގޮތަށް މަޖިލީހުން ފާސްކޮށްފައިވަނީ 58 މެމްބަރުންގެ ވޯޓުންނެވެ.

އިޞްލާޙުކޮށްފައިވާ "ފްރޭމްވަރކް އެގްރީމެންޓް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް" ބަލައިގަތުމުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖެ ލޯ ކާބަން ޤައުމަކަށް ހެދުމަށް ބޭނުންވާ، އިރުގެ އަލިން ހަކަތަ ލިބިދޭ ނިޒާމެއް ގާއިމުކުރުމުގެ ފުރުޞަތުވެސް ދިވެހިރާއްޖެއަށް ހުޅުވިގެންދާނެއެވެ.

އދ.ގެ އެންމެހައި މެންބަރު ޤައުމުތަކަށް ބައިވެރިވެވޭ ގޮތަށް "ފްރޭމްވަރކް އެގްރީމެންޓް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް" އަށް އިޞްލާޙެއް ގެންނަވާފައިވާތީ، އިޞްލާޙުކޮށްފައިވާ މި އެގްރީމެންޓް ދިވެހިރާއްޖެއިން ތަޞްދީޤުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާފުޅު އަރުއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މިބަދަލު ގެނައުމަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން ހުށަހެޅުއްވި ކަރުދާހާ މެދު މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މި އެގްރީމެންޓަކީ، 10 އެޕްރީލް 2019 ގައި ދިވެހިރާއްޖެއިން ސޮއިކޮށް، 30 އެޕްރީލް 2019 ގައި ތަޞްދީޤުކޮށްފައިވާ އެގްރީމެންޓެކެވެ.