ޚަބަރު

ބަޙްރައިނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް، ޚަލީލަށް ރުހުންދީފި


ބަޙްރައިނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ގ.އުތުރުގެއާގެ، މުޙައްމަދު ޚަލީލް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ޚަލީލަށް ރުހުން ދެއްވުމަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ ވޯޓުންނެވެ.

މީގެ ކުރިން ބަޙްރައިންއާއި އޮމާނަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަމުގައި ހުންނެވީ ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ޙުސައިން ނިޔާޒެވެ. ނަމަވެސް ނިޔާޒް ވަނީ އޮމާނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމުން ނަންފުޅު އަނބުރާ ގެންދަވާފައެވެ.

އޮމާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ރުހުންދެއްވި ޚަލީލަކީ ސަޢުދީ ޢަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާފައިހުންނަވާ ސަފީރެވެ. ޚަލީލްވަނީ އޮމާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަންވެސް ކުރައްވާފައެވެ. ސަޢުދީ ޢަރަބިއްޔާގެ ސަފީރަކަށް ޚަލީލް ޢައްޔަނުކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ.

މުޙައްމަދު ޚަލީލަކީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ މަޤާމާއި އެކްޓިން ހައިކޮމިޝަނަރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު ޚަލީލް ވަނީ 1983ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިފަންތީގެ މަޤާމުތައް ފުރުއްވާފައެވެ. މީގެއިތުރުން މުޙައްމަދު ޚަލީލު ވަނީ އިންޑިޔާގެ ޖަވާހިރްލާލް ނެހުރޫ ޔުނިވަރސިޓީއިން އެންވަޔަރަމަންޓަލް ލޯ އެންޑް ޕޮލިސީގެ ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރައްވާފައެވެ.