ޚަބަރު

އެޗްއާރުސީއެމްއަށް 8 ނަމެއް، ދިރާސާކުރަން ކޮމިޓީއަށް


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމުތަކަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 8 ބޭފުޅެއްގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅިފައިވާ ނަންތައް ދިރާސާކުރުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްއަސާތަކާއި ބެހޭ ކޮމިޓީއަށެވެ. ކޮމިޝަނަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި 8 ބޭފުޅުންނާއިއެކު ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތައް ވަނީ މަޖިލީހަށް ފޮނުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި 8 ބޭފުޅުން:
އަލްފާޟިލާ މަރިޔަމް ލައިޒާ
އަލްއުސްތާޒު އިބްރާޒިމް ޒާހިދު
ޑރ.އަދުހަމް އަބްދުﷲ
އަލްފާޟިލާ އާމިތަނު ޝިފާޒު އަބްދުއް ރައްޒާގު
އަލްފާޟިލާ ހުސެއިން އަމްރު
އަލްފާޟިލާ މޫމިނާ ވަހީދު
އަލްފާޟިލާ އަޒްލީމާ އަހުމަދު
އަލްފާޟިލާ މުހައްމަދު ފައުޒީ

އެޗްއާރުސީއެމްގެ ހުސްވެފައިވާ މެންބަރުންގެ މަޤާމުތަކަށް ބޭފުޅުން ޢައްޔަނުކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހަޅުއްވާފައި ވަނީ އެ ކޮމިޝަނުގެ 3 މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީ އާއި، އަދި އެ ބޯޑުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު، 12 ސެޕްޓެންބަރު 2020 ގެ ނިޔަލަށް ހަމަވާތީ، އެ މަޤާމުތަކަށް މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައެވެ.

އެޗްއާރުސީއެމަށް އައްޔަނުކުރައްވާފައިވާ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ރައީސް ހިމެނޭހެން 3 މެންބަރަކު އިސްތިއުފާ ދެއްވާފައިވަނީ އެ މެންބަރުންނާ ގުޅޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުން ބަލައި ބައެއް މެންބަރުން މަޤާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ ބާކީ ތިބި ދެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ނާއިބް ރައީސް މަޤާމުން ވަކިކޮށްފައެވެ. އެ ކޮމިޝަނުގައި މިހާރު ހުންނެވީ އެންމެ މެންބަރެކެވެ. އެ މެންބަރުގެ މެންބަރުކަމުގެ މުއްދަތު އަންނަ މަހުގެ 12 ވަނަ ދުވަހު ހަމަވާނެއެވެ.