ޚަބަރު

ރޭގަނޑު ވެހިކަލް ދުއްވުން މަނާކުރީ ޢާއްމުކޮށް ބޭރުތެރޭ ޒުވާނުން ގިނަވާ ގަޑިއަށްވާތީ - އެޗްޕީއޭ


ރޭގަނޑު 8 އިން ފެށިގެން ފަތިހު ފަހަކަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ މަޤްސަދަކީ އެންމެ ބޮޑަށް ބަލި ފެތުރޭ ކަމަށް ރިކޯޑުކުރެވިފައިވަނީ ޒުވާނުންގެ މެދުގައި ކަމަށްވާތީ، ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ރޭގަނޑު ބޭރުގައި އެއްގަމު އުޅަނދުގައި އުޅުންމަނާކުރުމާ ގުޅެގޮތުން އެޗްޕީއޭއިން ވިދާޅުވީ ޢާއްމުކޮށް ބަލިޖެހޭ ޒުވާން އުމުރުގެ މީހުން އެންމެ ޙަރަކާތްތެރިވާ ގަޑިތަކަކީ ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހަކާ ދެމެދުގެ ވަގުތުތަކުގައި ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރެވޭނީ މިއުމުރުގެ މީހުންގެ ޙަރަކާތްތެރިވުން ކޮންޓްރޯލްކުރެވިގެން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭއިން ވިދާޅުވީ ވަކި ގަޑިތަކެއްގައި އެއްގަމު އުޅާނދުގައި އުޅުން މަނާކުރީ ކޮންމެ ހަފްތާއަކުވެސް ހަދަމުން އަންނަ ރިވިއުތަކަށް ބެލުމަށްފަހުކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އިތުރަށް ގޯސްވާނަމަ އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ޒުވާނުންގެ ޢަމަލުތައް ބޮޑު ދައުރެއް އަދަކުރާކަމަށް އެޗްޕީއޭއިންވަނީ މީގެކުރިންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން މިބަލި ރާއްޖޭގައި އެންމެ ބޮޑަށް ފެތުރިފައިވަނީ ޢުމުރުން 20 އަހަރާއި 40 އަހަރާއި ދެމެދުގެ ޢުމުރުފުރާތަކުގެ މީހުންގެ މެދުގައެވެ. އެހެންކަމުން މިފަރާތްތަކުން ބޭރުތެރޭގައި އުޅޭއިރު ރައްކާތެރި ކަމަށް އިސްކަންދޭނަމަ ރާއްޖޭގައި މިބަލި ކޮންޓްރޯލްވުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލްވެސްވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭއިން ވިދާޅުވީ ރާއްޖޭގައި މިހާރު ބަލި ނުރައްކާ މިންވަރަކަށް އިތުރުވެފައިވާތީ ބަލީގެ ނުރައްކާ ޢުމުރުން ދުވަސްވީ މީހުންނަށް ބޮޑުވެ މީހުން މަރުވާ ނިސްބަތް މައްޗަށް ދިޔުމުން ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން މިހާރު މަޖުބޫރުވެފައިވާކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ގޯސްވަމުން އަންނައިރު މިދިޔަ ހަފްތާގައި އެއްހަފްތާގެ ތެރޭގައި 4 މީހުންވަނީ މިބަލީގައި މަރުވެފައެވެ. މީގެ އިތުރުން އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ ބަލި މީހުންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ. އެހެންކަމުން މިބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ފިޔަވަޅުތައް އަޅަމުން ގެންދަނީ ކޮންމެ ހަފްތާއެއްގައިވެސް ބަލީހެ ޙާލަތަށް ރިއާޔަތްކުރެވިގެންކަމަށާއި އަޅަމުންދާ ފިޔަވަޅުތަކަށް ބަދަލު އަންނާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ޙާލަތު އިތުރަށް ގޯސްވާނަމަ ފިޔަވަޅު އިތުރަށް ހަރުކަށިކުރުން ނުވަތަ ކޯވިޑް-19ގެ ޙާލަތު ރަނގަޅުވަމުން އަންނަނަމަ ފިޔަވަޅުތަކަށް ލުއިދެމުންގެންދާނެކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ޖޫންމަހު ފަހުކޮޅު ރާއްޖެއިން މިބަލިވަރަށްބޮޑަށް ކޮންޓްރޯލްވަމުން ދިޔުމާ ގުޅިގެން އެގޮތުގައި ބަލީގެ ޙާލަތު ހިފަހައްޓާލެވޭތޯ މަސައްކަތްކުރިކަމަށެވެ. އެއާއެކު ލޮކްޑައުންނަށް ލުއިދިނުމުގައި ގިނަ އުސޫލުތަކެއް އެކުލަވާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ޢާއްމުކޮށް އެކަމަށް ޢާއްމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއްވަނީ ކޮށްފައެވެ.

މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ރޭގަނޑު 8 އިން ފެށިގެން ފަތިހު 5 އާއި ހަމައަށް އެއްގަމު އުޅަނދުގައި އުޅުމަކީ މިރެއިން ފެށިގެން މަނާކަމެކެވެ. އަދި މިރެއިން ފެށިގެން މިގަވާއިދާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަމަށް އެޗްއީއޯސީން ރޭވަނީ ހާމަކުރައްވާފައެވެ. އެގޮތުން ވެހިކަލް ޓޯކޮށް ޖޫރިމަނާކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ.