ޚަބަރު

އުޞޫލާ ޚިލާފަށް އާއްމު ޚިދުމަތްދޭ ތަންތަން ހިންގާނަމަ ޖޫރިމަނާ ކުރަނީ


އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލާ ޚިލާފަށް އާއްމު ޚިދުމަތްދޭ ތަންތަން ހިންގާނަމަ ޖޫރިމަނާ ކުރަން އެޗްޕީއޭއިން ނިންމައިފިއެވެ.

ޢާއްމު ޚިދުމަތްދޭ ތަންތަން ހިންގަމުން ދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމަށް ކުރިއަށްގެންދާ މާސް އިންސްޕެކްޝަން މިމަހުގެ 25ވަނަ ދުވަހު އަލުން ފެށުމަށް ވަނީ ނިންމާފައެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލާ ޚިލާފަށް އާއްމު ޚިދުމަތްދޭ ތަންތަން ހިންގާނަމަ ފުރަތަމަ ފަހަރަށް 48 ގަޑިއިރަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ދެވަނަ ފަހަރަށް ކުށް ތަކުރާރު ކުރާނަމަ އެއްހާސް ރުފިޔާއިން ޖޫރިމަނާކޮށް އުޞޫލާ އެއްގޮތަށް އެތަނެއް އިސްލާހުކުރުމަށްފަހު ތަން ހުޅުވުމުގެ ހުއްދަދެނީ 3 ދުވަހަށް ފަހުއެވެ. އަދި ތިންވަނަ ފަހަރަށް ކުށް ތަކުރާރު ކޮށްފިނަމަ އެއްހާސް ރުފިޔާއިން ޖޫރިމަނާކޮށް 5 ދުވަހަށް ތަން ބަންދުކުރުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލްގައި ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލްގައި ވަނީ ފުރަތަމަ އިންސްޕެކްޝަނަށްފަހު ޝަކުވާ އަކާ ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް އިންސްޕެކްޓް ކުރުމުގައި ގައިޑްލައިނާއި ޚިލާފަށް ތަން ހިންގާކަން ފާހަގަކުރެވިއްޖެނަމަ އެތަނެއް ވެސް ފަސް ދުވަހަށް ބަންދުކޮށް 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ވިދާޅުވެފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފުރަބަންދު ކުރުމަށްފަހު މާލޭގައި ޢާއްމު ޚިދުމަތްދޭ ތަންތަން ހުޅުވުމަށް ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. ފުރަބަންދަށް ދިން ލުއިތަކާއެކު އަލުން ތަންތަން ހުޅުވުމަށް ހުއްދަ ދީފައިވަނީ ވަކި ޝަރުތުތަކަކާއި އެކުގައެވެ.

އެގޮތުން ފިހާރަތަކަށް އެއްފަހަރާ ގިނަ ވެގެން މީހުންނަށް ވަދެވޭނެ މިންވަރާއި، ކެފޭ ރެސްޓޯރަންޓްތަކުގައި މީހުން ތިބެން ޖެހޭނެގޮތްވެސް ވަނީ ކަނޑައަޅާ އާންމުކޮށްފައެވެ. އަދި އެތަންތަނުގައި ސެނިޓައިޒަރ ބަހައްޓައި އަތް ސާފުކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސަން ޖެހެއެވެ. މިފަދަ ތަންތަން ހިންގަނީ އެޗް.ޕީ.އޭގެ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމަށް މީގެކުރިން 2 ފަހަރެއްގެމަތިން ވަނީ މާސް އިންސްޕެކްޝަނެއް ކުރިއަށްގެންގޮސްފައެވެ.

މިއިންސްޕެކްޝަންތަކުގައި 2935 ތަނެއް ބަލާ އުސޫލަށް ނުފެތޭ 258 ތަނަކާމެދުވަނީ ފިޔަވަޅުއަޅާފައެވެ. އަދި އުޞޫލުތަކަށް ނުފެތޭ ތަންތަން ބަންދުކުރުމަށްފަހު، އެ އުޞޫލާ އެއްގޮތަށް އެތަންތަން އިސްލާޙުކުރުމަށް 24 ގަޑިއިރުގެ ވަގުތެއްދިނެވެ. އަދި އިސްލާޙުކުރުމަށްފަހު އެޗް.ޕީ.އޭގެ ޚާއްސަ ހޮޓްލައިނަށް ގުޅައި އެންގުމުން އަލުން އެތަނެއް އިންސްޕެކްޓްކުރުމަށްފަހު އުޞޫލާ އެއްގޮތަށް ހުރިނަމަ އެތަނެއް ހުޅުވުމުގެ ހުއްދަ މީގެ ކުރިން އެޗް.ޕީ.އޭއިން ވަނީ ދީފައެވެ.