ޚަބަރު

ރާއްޖޭގައި ވިއްކާ ލޮނު ޕެކެޓްތަކެއްގައި ހިލަ ހުރިކަމަށްބުނާ މައްސަލަ ބަލަނީ


ކެއްކުމަށް ބޭނުންކުރާ "ފިނެސް" ބްރޭންޑްގެ ލޮނު ޕެކެޓްތަކަކުން ހިލަފެނުމާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެކަން ބަލަން ފަށައިފިއެވެ.

މި ބްރޭންޑުގެ ލޮނުގައި ހިލަ ހުރިކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ޕޮޓޯތަކަކާއިއެކު އެ ވާހަކަތައް ދައުރުކުރަމުންނެވެ. މިކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއެފްޑީއޭ އިން ވިދާޅުވީ އެކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މިހާރު އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެ ބްރޭންޑުގެ ލޮނު ޕެކެޓްތަކުން ހިލަ ފެނިފައިވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ. "ފިނެސް" ބްރޭންޑްގެ ލޮނަކީ އިންޑިއާގެ އުފެއްދުމެކެވެ.

ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދަނީ ކުރަމުންނެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ އެއްވެސް ޝަކުވާއެއް ނުވަތަ ކަމެއް ފާހަގަކުރެވޭނަމަ އެ އޯރިޓީން އަންނަނީ ފިޔަވަޅުވެސް އަޅަމުންނެވެ.