ޚަބަރު

އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯއިން ފެށީ ވަރުގަދަކޮށް


  • މި މެޗު ވެމްކޯއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުން

  • ވެމްކޯއިން ވަނީ އެސޯސިއޭޝަން ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފައި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބް ވެމްކޯއިން މޮޅަކުން މުބާރާތް ފެށިއިރު، ގުޑު ގޭމްސް ސްޕޯޓްސް އެކަޑަމީ (ޖީޖީ ސްޕޯޓްސް) އިން ވެސް ފެށުން ރަނގަޅުކޮށްފިއެވެ.

މި މުބާރާތުގައި ހޯމަ ދުވަހު ދެ މެޗު ކުޅެފައިވާއިރު، ހޯމަ ދުވަހު ކުރިއަށްދިޔައީ ޕޫލް ބީގެ މެޗުތަކެވެ. އެގޮތުން ހޯމަ ދުވަހު ހަވީރު ވެމްކޯއިން ނުކުތީ ކުލަބް އެމްޓީސީސީއާ ދެކޮޅަށެވެ. މިއީ އެމްޓީސީސީން މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ވަރުގަދަ ސްކޮޑަކާއެކު މި ފަހަރުގެ މުބާރާތުގައި ވެސް ވާދަކުރާ ވެމްކޯއިން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގައި ވެމްކޯ ސްކޮޑުން ފެނިގެންދިޔައީ މައިގަނޑު ގޮތެއްގައި ދެ ބަދަލެވެ. އާންމުކޮށް ވެމްކޯގެ ލިބަރޯއެއްގެ ގޮތުގައި ފެންނަ ނުހާ ޢަލީ އާއި ޒުވާން ތަރި މާޔާ ހުސެއިން މި ފަހަރުގެ މުބާރާތުގައި ފެނުނީ އެމްޓީސީސީންނެވެ. ނުހާގެ ބަދަލުގައި ވެމްކޯއިން މި ފަހަރުގެ މުބާރާތަށް ލިބަރޯއެއްގެ ގޮތުގައި ގެނައީ ގައުމީ ޓީމުގެ ލިބަރޯ މައިހާ ޢަލީއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ވެމްކޯއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ވެމްކޯ އިން ވަނީ ފަސޭހަކަމާއެކު 25-14 އަދި 25-14 އިން ގެންގޮސްފައެވެ. ނަމަވެސް ތިންވަނަ ސެޓުގައި އެމްޓީސީސީން ވަނީ ކުޅުން ރަނގަޅުކޮށް ވެމްކޯއަށް އަށް ރަނގަޅު ފައިޓެއް ދީފައެވެ. މި ސެޓުގައި ވެމްކޯގެ ތަފާތަކަށްވީ އެ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނެވެ. މި ސެޓު ވެމްކޯއިން ގެންދިޔައީ 28-26 އިންނެވެ.

މީގެ އިތުރުން ހޯމަ ދުވަހުގެރޭ ޖީޖީ އިން ވަނީ ރާއްޖެ ވޮލީ ކުލަބް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-14، 25-20 އަދި 25-10 އިންނެވެ.

މި މުބާރާތުގައި އަންގާރަ ދުވަހު ވެސް ދެ މެޗު ކުޅޭނެއެވެ. އަންގާރަ ދުވަހު ހަވީރު ހުރާ ކޮމިއުނިޓީ ކްލަބުން ނުކުންނާނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާ ދެކޮޅަށެވެ. ހުރާއިން ވަނީ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބް އަތުން މޮޅުވެފައެވެ. ދެވަނަ މެޗުގައި އަންގާރަ ދުވަހުގެރޭ ޕޮލިސް ކްލަބުން ނުކުންނާނީ ސިޓީ ފްރެންޑްސް ކްލަބާ ދެކޮޅަށެވެ.

އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ މެޗުތައް ކުރިއަށްދާއިރު، މިދިޔަ މަހު ކުރިއަށްދިޔަ އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އެމްޓީސީސީއެވެ.