ދުނިޔޭގެ ވިޔަފާރި

ތުރުކީން 320 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ވަޅެއް ހޯދައިފި


ތުރުކީން މީގެކުރިން ނުހޯދާ ވަރުގެ ގޭސް ވަޅެއް ހޯދައިފިއެވެ.

ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވީ ތުރުކީން މީގެކުރިން ނުފެންނަ ވަރުގެ ބޮޑު ގޭސް ވަޅެއް ބްލެކް ސީ ސަރަޙައްދުން ފެށިފައިވާކަމަށެވެ. އަދި މިގޭސް ވަޅުގެ ބޮޑުމިނުގައި 320 ބިލިއަން ކިއުބިކް މީޓަރު ހުންނާނެކަމަށް ތުރުކީގެ ރައީސް ވިދާޅުވިއެވެ. އަދި އިތުރު ގޭސް ވަޅުތައްވެސް އެސަރަޙައްދުން ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް އުރުދުޣާން ވިދާޅުވިއެވެ.

މިދިޔަމަހު ފަހުކޮޅު ފެށި މަސައްކަތެއްގެ ތެރެއިން ފެނުނު ގޭސް ވަޅު ފެނިފައިވަނީ މިދިޔަމަހު ފަހުކޮޅު ތުރުކީގެ އައްސޭރިފަށާއި 100 ނޯޓިކަލް ބޭރުގައި އޮންނަ ޓޫނާ 1 ޒޯންއިންނެވެ.

ޚަބަރުތައް ބުނާގޮތުން ތުރުކީން މިހާރު މަސައްކަތްކުރަމުންދާނީ ގޭސް ވަޅުގައި ހުރި ގޭސްތައް އެކްސްޓްރެކްޓްކޮށް، 2023 ވަނަ އަހަރާ ހަމައަށްދާއިރު އޭގެއިން ގޭސް ވިއްކުމަކަށެވެ. އަދި މިކަމުގެ ސަބަބުން ބޮޑެތި އެހެން ޤައުމުތަކުން ގޭސް އިމްޕޯޓްކުރުން އެއްކޮށް ހުއްޓިގެންދާނޭކަމަށްވެސް ޚަބަރުތައް ބުނެއެވެ. އަދި މިކަމުގެ ސަބަބުން އެޤައުމުން ހަކަތައަށް ކުރާ ހޭދައަށްވެސް ބޮޑު ލުޔެއް ލިބިގެންދާނޭކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.