އިސްލާމް ދީނަކީ، ހަމަ އެކަނި، ޢިބާދާތަށް ބާރުއަޅާ ދީނެއް ނޫނެވެ. އެއީ އެއަށް ވުރެ މާ ފުޅާ ދާއިރާއެއްގައި، އިންސާނާގެ ދިރިއުޅުމަށް އިންސާފުކުރާ ދީނެކެވެ. ޝައްކެއް ނެތް ގޮތުގައި، ޢިބާދާތަކީ، އިސްލާމް ދީނުގައި ކޮންމެހެން އަދާކުރަން އަންގަވާފައިވާ ޟަރޫރީ ކަންތައްތަކެވެ. ނަމަވެސް އިސްލާމް ދީނުގެ އަސްލުތަކާއި، އަސާސްތައް ބިނާވަނީ، ހަމައެކަނި މިކަންކަމުގެ މައްޗަކަށް ނޫނެވެ. އިސްލާމް ދީނަކީ މިއަށް ވުރެ މާ ތަނަވަސްކޮށް، އެއްވެސް އިސްތިސްނާއެއް ނެތި، އިންސާނީ ޙަޔާތުގެ ހުރިހާ ކަމަކަށް މަގުދައްކާ، ވަރަށް ޝާމިލު ދީނެކެވެ. ޢިބާދާތުގެ އިތުރުން، އިޖްތިމާޢީ ހަމަޖެހުމާއި، ދޭދޭ ފަރުދުންގެ ގުޅުންތަކާއި، އިންސާނީ ހައްޤުތައް ޙިމާޔަތް ކުރުން ވެސް އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ބަޔާންވެގެން ވެއެވެ. މުޢާމަލާތާއި އަޚްލާޤަކީ ވެސް މި ދީނުގެ މުހިންމު ތަނބުތަކެވެ.
މި ހުރިހާ ކަމެއް، ފުރިހަމައަށް އިސްލާމީ މުޖުތަމަޢަކުން ފެންނަމުން ދާނީ، މުޖުތަމަޢު އިޞްލާހުވެގެންނެވެ. މުޖުތަމަޢު އިޞްލާހުވުން އަންނާނީ، އިޖްތިމާޢީ ހަމަޖެހުމާއި، އިންސާނިއްޔަތު ކުރިއަށް ނެރެގެންނެވެ. އިންސާނީ ކަރާމާތް ރައްކާތެރިކޮށް، އެބައިމީހުންނަށް ލިބޭ ގެއްލުމާއި، އަނިޔާ އިން ސަލާމަތް ކުރުމަކީ، އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ބާވައިލެއްވި ރިސާލަތުގައި، އަންގަވާފައިވާ ގޮތެވެ. ހަމަ އެހެންމެ މުޖުތަމަޢު އިޞްލާހުވުން ބިނާވެގެން ވަނީ، މަސްއޫލިއްޔަތު އުފުލުމާއި، ފަރުދީ ޒިއްމާގެ މައްޗަށެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް، އަމިއްލަ ނަފްސު ޠާހިރުކޮށް، އިޞްލާހު ކުރުމަކީ، އިސްލާމް ދީން އެންމެ ބާރުއަޅާ އެއްކަންތަކެވެ. އަމިއްލަ ނަފްސު އިޞްލާހު ކޮށްގެން މެނުވީ، މުޖުތަމަޢު އިޞްލާހު ކުރުމަށް ކުރާ މަސައްކަތުން، އެންމެ އެދެވޭ ނަތީޖާއެއް ނުނިކުންނާނެއެވެ.
މި ދެންނެވި ކަންތައްތައް، ސައްތައިން ސައްތަ މި އިސްލާމީ ޤައުމުގައި، އޭގެ އެންމެ ބާރު ދުވެލީގައި، ހަރުދަނާކަމާ އެކު، ތަންފީޒު ކުރުމަށް، ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ސަރުކާރުން އިސްނަގައިގެން، ދީނުގައި ހުރި ކަންކަން އޮޅުންފިލުވައިދީ، ދީނީ ހޭލުންތެރިކަމުގެ ޕުރޮގްރާމުތައް މާލޭގެ މިސްކިތްތަކާއި، ރާއްޖޭގެ އެކި ރަށްރަށަށް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމުގެ އިތުރުން، ސަރުކާރުގެ އޮފީސް އިދާރާތަކުގައި ވެސް، މިހާރު މި މަސައްކަތް ދަނީ ކުރަމުންނެވެ. އަދި، މިސްކިތުގައި ޤުރުއާނުގެ ތަފްސީރު އުނގަންނައިދިނުމާއި، ސީރާ ކްލާސްތައް ވެސް ހިންގަމުން ގެންދެއެވެ.
މީގެ އިތުރުން ވެސް މުޖުތަމަޢެއްގެ ފަރުދުންނަށް ދިރިއުޅުމުގައި ދިމާވާ ނަފްސާނީ އަދި ސުލޫކީ މައްސަލަތަކުން އަރައިގަތުމަށާއި، ރައްޔިތުންނަށް ދިމާވެފައިވާ ނުތަނަވަސްކަމާއި، ބިރުވެރިކަން ކުޑަކޮށް، ނަފްސާނީ ގޮތުން ހިތްވަރުދިނުމުގައި އިސްލާމީ އުޞޫލުތައް ބޭނުން ކުރެވިދާނެކަން މިވަނީ އެނގި ހާމަވެފައެވެ.
ކޯވިޑް-19 ގެ މި ނުރައްކާތެރި ދަނޑިވަޅުގައި، ރައްޔިތުންގެ ހިތްތަކަށް ހަމަޖެހުމާއި ތަސައްލީ ގެނެސްދިނުމަށް، ބަލިން ރައްކާތެރިވުމަށް ދީނީ ގޮތުން އަންގަވާފައިވާ އުޞޫލުތަކާއި، ސާފުޠާހިރުވުމަށް ދީނުގައި ބާރުއަޅާފައިވާ މިންވަރާއި، ހާސްކަމާއި ބިރުވެރިކަމުގެ ޙާލަތުގައި، ނަފްސާނީ ދުޅަހެޔޮކަމަށް އިސްލާމް ދީނުގައި ދީފައިވާ އިރުޝާދުތައް، އެތަކެއް ޒަރިއްޔާއެއް މެދުވެރިކޮށް ޢާންމުންނަށް ވަނީ ފޯރުކޮށްދީފައެވެ. .
އެހެން ނަޒަރިއްޔާތަކަށް ބަލާއިރު އަޅުގަނޑުމެންގެ މެދުގައި އުފެދޭ ގިނަ މައްސަލަތަކެއްގެ އަސްލަކީ، ޚިޔާލު ތަފާތުވުމެވެ. ﷲ ތަޢަލާ ކޮންމެ އިންސާނަކު ވެސް އުފައްދަވާފައި ވަނީ، ވަރަށް ފުރިހަމަކޮށެވެ. އެކަމަކު މަތިވެރި މަޤްޞަދުތަކަކަށްޓަކައި، ގިނަ ގުނަ ތަފާތުތަކެއް ވެސް ލައްވާފައިވެއެވެ. އެ ތަފާތުތަކުގެ ސަބަބުން އެކި ކަންކަމުގައި ޚިޔާލު ވެސް ތަފާތުވެއެވެ. ނަމަވެސް މިފަދަ ޚިޔާލު ތަފާތުވުންތަކުން ނުކުންނަ މައްސަލަތައް ޙައްލުކޮށް، އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން، އެއްބަޔަކު އަނެއް ބައެއްގެ ޚިޔާލާއި، ޝުޢޫރުތަކަށް އިޙްތިރާމު ކޮށްގެން އުޅުމަކީ، އިސްލާމްދީން ދަސްކޮށްދީފައިވާ ރިވެތި އުޞޫލެވެ. އެގޮތުން ދީނީ - ދުނިޔަވީ އެކިއެކި މައްސަލަތައް ޙައްލު ކުރުމުގައި، ކަމާގުޅޭ މާހިރުންނާއި ޢިލްމުވެރިންގެ މެދުގައި ދަނީ، ވަރަށް ގާތް، އެކުވެރި ޖައްވެއްގައި މަޝްވަރާ ކުރެވެމުންނެވެ.
ހުރިހައި ދާއިރާއެއް ގައި ވެސް، އިސްލާމީ އުޞޫލުތައް ފުރިހަމައަށް ތަންފީޛުކުރަން ޖެހެއެވެ. ސަރުކާރުގެ ސިޔާސަތުތައް ވެސް އެކަށައަޅާފައި މިވަނީ، މިދެންނެވި މިންގަނޑުގެ ތެރެއިންނެވެ. އެކިއެކި ކުށްތަކުގެ ޝިކާރައަށްވާ މީހުން ވެސް، އަނބުރާ މުޖުތަމަޢަށް ނެރެ، އެމީހުންގެ ބޭނުން މުޖުތަމަޢުގައި ހިފުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. މިކަން ޙާޞިލު ކުރުމަށް ރިހެބިލިޓޭޝަން ފުރޭމްވޯރކްގެ ތެރެއިން، އެކި މަރުޙަލާތަކުގައި ޤައިދީންގެ ހިތްތަކުގައި ދީނީ ކަންތައްތަކަށް ލޯބިޖެއްސުމަށާއި، ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން، ކުރިއަށް ގެންދާ ދީނީ ދަރުސްތަކާއި، ދީނީ ކައުންސެލިންގެ ޚިދުމަތް އިސްލާމިކް މިނިސްޓްރީއިން ދަނީ ފޯރުކޮށްދެމުންނެވެ. .
ކޯވިޑް-19 ގެ ސަބަބުން ޖަލުތަކަށް ޒިޔާރަތްކޮށް، މި ޕުރޮގްރާމު ހިންގުމަށް ހުރަސްއެޅިގެން ދިޔުމާ ގުޅިގެން، ޤައިދީންނަށް އޮންލައިންކޮށް މި ޕުރޮގްރާމު މިހާރު ވެސް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދެއެވެ. މިގޮތުން ކޮންމެ ހަފްތާ އަކު 5 ދުވަހު ޒޫމް މެދުވެރިކޮށް، ޤައިދީންނަށް ދީނީ މަޢުލޫމާތާއި، ސުވާލާއި ޖަވާބުގެ ދަންފަޅިތަކާއި ކައުންސެލިންގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ
އަޅުގަނޑުމެން އިންސާނުންނަކީ، އެއް ބަޔަކަށް އަނެއް ބައެއްގެ އެހީތެރިކަން ބޭނުންވާގޮތަށް އުފައްދަވާފައިވާ ބައެކެވެ. ބޮޑެތި މުޞީބާތްތަކާއި، ކާރިޘާގެ ވަގުތުތަކުގައި، މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ، ނިކަމެތިންގެ ޙާޖަތްތައް ފުއްދައިދިނުމަކީ، މި މޭރުމުން ކުރެވިދާނެ ކަމެކެވެ. މިގޮތުން ކޮވިޑް-19 ގެ ސަބަބުން ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް، ޒަކާތު ފަންޑު މެދުވެރިކޮށް ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ފުދުންތެރިކަން ކުޑަ މީހުންނާއި، ބޭސްފަރުވާ ކުރުމަށް މާލީ ތަނަވަސްކަން ނެތް ފަރާތްތަކާއި، ދަރަނިވެރިވެފައިވާ ފަރާތްތަކަކީ ވެސް، އިސްލާމީ މުޖުތަމަޢެއްގައި ބާކީވެގެންދާނެ ބައެއް ނޫނެވެ. މިފަދަ ފަރާތްތަކާ ކުރިމަތިވާ މާލީ ދަތިކަން ކުޑަކޮށްދިނުމަށް، ޒަކާތު ފަންޑުން މި އަހަރު މިހާތަނަށް ވަނީ 5.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ
މުޖުތަމަޢު އިޞްލާޙުކޮށް، ކަންކަން ހެޔޮ މަގަށް އަނބުރާ ގެނައުމަށްޓަކައި، އިސްލާމީ އުޞޫލުތަކާއި، އިސްލާމް ދީން ބާރުއަޅާފައިވާ ގޮތަށް، ކަންކަން ކުރިއަށް ދާތަން ފެނިގެން ދިއުމަކީ، ހެޔޮ ފާލެކެވެ. ދިރިއުޅުމުގެ ހުރިހައި މައިދާނެއް ގައި ވެސް، އިސްލާމީ ތަރުބިޔަތުގެ އަސަރުތައް ފެނިގެން ދިއުމަކީ، ކުރިމަގު އުޖާލާވުމަށް ކޮށިގެންދާ ސަރާސަރު ސާފު މަގެކެވެ. ޤައުމުގެ ރައުސުލްމާލު ކަމުގައިވާ ޒުވާނުންގެ ޖީލު، އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހަރުދަނާވެގެން އައުމަށް އޮތް، ނުހަނު އަގުހުރި ފުރުޞަތެކެވެ. ޤައުމީ މަޞްލަޙަތު ރައްކާތެރިކުރެވި، ޤައުމު ކުރިއަރައި، ތަރައްޤީ ވުމަށް ލިބުނު، ރަނުގެ ފުރުޞަތެކެވެ. އުންމީދަކީ މި މަސައްކަތްތައް މިހާރަށް ވުރެ ފުޅާ ދާއިރާއެއް ގައި ކުރިޔަށް ގެންގޮސް، ދީނީ ވަޙްދަތު ރާއްޖޭގައި ވަރުގަދަވެގެން ދިއުމެވެ.