ޚަބަރު

ފޮރިން މިނިސްޓަރ ޝާހިދަށް ފުރިހަމަ އިތުބާރު އެބައޮތް - މަޖިލިސް ރައީސް


ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް ފުރިހަމަ އިތުބާރު އެބައޮތް ކަމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު މަސައްކަތް ފެއްޓެވުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި މަޖިލީހުގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިނިސްޓަރ ޝާހިދުއަށް މަޖިލީހުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް ޖާބިރު މަސައްކަތް ކުރައްވަމުންދަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ފެއިލްވެފައިވެފައިވާކަމަށާ، އެކަމުގެ ޒިންމާ ޝާހިދު ނަންގަވަން ޖެހޭނެކަމަށް ވިދާޅުވެއެވެ. އަދި ޤައުމުތަކާއެކު ހަމަހަމަ ގުޅުންތައް ގާއިމް ކުރުމުގައި މިސަރުކާރު ފެއިލްވެފައިވާކަމަށާ، އެކަން އެގޮތަށްވެގެން ދިޔައީ މިނިސްޓަރ ޝާހިދުގެ ސަބަބުން ކަމަށް ޖާބިރު ތުހުމަތުކުރައްވައެވެ. .

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަކީ ޚާރިޖީ ދާއިރާއިން ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ. އޭނާ މިސަރުކާރުގެ ފޮރިން މިނިސްޓަރުކަމާ ޙަވާލުވެވަޑައިގެންފަހުން ރާއްޖެއިން ބޭރުގެ އެތައް ޤައުމަކާ މުޅިން އަލަށް ރާއްޖެއާ ގުޅުން ބަދަހިކުރައްވައި އެޤައުމުގެ އެހީތެރިކަން ރާއްޖެއަށް ހޯއްދަވައިދެއްވާފައިވެއެވެ. އަދި މިދިޔަ ސަރުކާރުގެ ވެރިކަމުގެ ދުވަސްވަރު ގުޅުން ހީނަރުވެފައިވާ ޤައުމުތަކާވެސް އަލުން ގުޅުން ބަދަހިކުރައްވައި ޚާރިޖީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.