ދުނިޔެ

ރިޔުނިޔަންގެ ކަނޑުގެ އައްސޭރިން ފެނުނީ MH370 ގެ ބައިތަކެއް


އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ރިޔުނިޔަންގެ ކަނޑުގެ އައްސޭރި ފަށަށް ލައްގާފައިވަނިކޮށް މިދިޔަ ޖުލައިމަހު ފެނުނު މަތިންދާބޯޓެއްގެ ފިޔަގަނޑެއްގެ ބަޔަކީ މިދިޔަ އަހަރުގެ މާޗް މަހު ގެއްލިފައިވާ މެލޭޝިޔާ އެއަރލައިން MH370 ފްލައިޓްގެ ބައެއްކަން ކަށަވަރުވެފައިވާ ކަމަށް ފަރަންސޭސި ތަހުޤީގު ޓީމުން ހާމަކޮށްފިއެވެ.މިދިޔަ ޖުލައި މަހުގެ ނަވާވީހުގައި މަތިންދާބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް އިންޑިޔާ ކަނޑުގެ ޖަޒީރާ ޤައުމެއްކަމަށްވާ ރީޔޫނިއަންގެ ގޮނޑުދޮށަށް ލައްގާފައިވަނިކޮށް ވަނީ ފެނިފައެވެ. މިއާއެކު ދެން އިވިގެންދިޔަ އަޑަކީ، ރީޔޫނިއަނުން ފެނުނު މަތިންދާބޯޓުގެ ބައެއް ކަމަށް ޝައްކު ކުރެވޭ ބަޔަކީ ގެއްލިފައިވާ މެލޭޝިއަން އެއާރލައިންސް އެމްއެޗް-ތްރީ ސެވަން ޒީރޯގެ ބަޔަކަށް ވެދާނެކަމަށް މެލޭޝިޔާއިން ބުނެ، މި ތަކެތީގެ ތަޙުޤީގްގައި މެލޭޝިޔާއިން ޢަމަލީ ގޮތުން ބައިވެރިވާން ނިންމި ޚަބަރެވެ. އަދި މިމައްސަލަ ތަޙުޤީގުކުރާ ބައިނަލްއަޤްވާމީ ޓީމުގައި ހިމެނޭ ފްރާންސްގެ ތަޙުޤީގު ޓީމުން އެމީހުންގެ މަސައްކަތް ފަށާފައިވަނީ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ.މިކަން ތަހްގީގްކުރާ ފަރަންސޭސިވިލާތުގެ ފަންނީ ޓީމުން އެންމެ ފަހުން ބުނެފައިވަނީ ރީޔޫނިއަންއިން ފެނުނު މަތިންދާބޯޓުގެ ފިޔަގަނޑުގެ ބައިގައިވާ ނަންބަރަކީ ގެއްލިފައިވާ އެމްއެޗް ތްރީސެވަންޒީރޯ ފްލައިޓްގެ ފިޔަގަނޑުގައިވާ ނަންބަރުކަން ލެބޯޓްރީ ތަހްލީލްތަކުން ޔަގީންވެފައިވާ ކަމަށެވެ. މި ޓީމުން ވަނީ ރިޔޫނިޔަންއިން ފެނުނު ބަޔަކީ އެމްއެޗް ތްރީސެވަންޒިރޯ ފްލައިޓްގެ ފިޔަގަނޑުގެ ބައެއް ނޫންކަމާއިމެދު ޝައްކުކުރާނެ އެއްވެސް ޖާގައެއް މިހާރު ނެތްކަމަށް ބުނެފައެވެ.މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ވަނީ ރިޔުނިޔަން އިން ފެނުނު މަތިންދާބޯޓުގެ ބަޔަކީ ގެއްލިފައިވާ އެމްއެޗް ތިރީސެވަންޒީރޯ ފްލައިޓްގެ ބައެއްކަން ފަރަންސޭސި ޓީމުގެ ތަހްގީގްތަކުން ހާމަވާކަމަށް ވިދާޅުވެ މިދިޔަ ޖުލައިމަހުގެތެރޭގައި ވާހަކަ ދައްކަވާފައެވެ.ދެހާސް ސާދަ ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި މެލޭޝިޔާ އެއަލައިންސްގެ MH370 ފްލައިޓް ގެއްލިފައިވަނީ ކުއާލަލަންޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިންގްއަށް ދަތުރު ކުރަމުން ދަނިކޮށެވެ.މެލޭޝިޔާގެ ބޯޓު ވެއްޓިފައިވަނީ އިންޑިޔާ ކަނޑަށްކަން މިހާރު ކަށަވަރުވެފައިވީނަމަވެސް އެބޯޓު ވެއްޓެން މެދުވެރިވި ސަބަބު އަދި ހޯދިފައެއްނުވެއެވެ.ގިނަ ދުވަސްތަކެއް ވަންދެން ގެއްލިފައިވީ މަތިންދާބޯޓު ހޯދުމުގައި އެއްވެސް ކުރިއެރުމެއްނުލިބި ޝަކުވާ ގިނަވެފައިތިބި އާއިލާ މެމްބަރުންނަށް ކޮންމެވެސް ކަހަލަ ހިތަހަމަޖެހުމެއް މިކަމުގެ ސަބަބުން ލިބިގެންދާނެ ކަމަށް ބެލެވުނު ނަމަވެސް ބޯޓުގެ އިތުރު ބައިތަކެއް ނުފެނި، ބޯޓު ވެއްޓުމަށް ދިމާވި ސަބަބު އަދިވެސް ވަނީ ސުވާލު މާރކެއްގެ ތެރޭގައެވެ.