ކުޅިވަރު

އަމާޒަކީ ނޮވެމްބަރ 11 އަށް ސިންތެޓިކް ޓްރެކްގެ މަސައްކަތް ނިންމުން: މަޙްލޫފް


ކުޅިވަރު އެކުވެނީގައި އެޅުމަށް ހަމަޖެހިފައިވާ ސިންތެޓިކްގެ ޓްރެކްގެ މަސައްކަތް އަންނަ ނޮވެމްބަރ މަހުގެ އެގާރަ ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ޓްރެކުގައި އަޑިވަޅުގަނޑުހެދުމުގެ ސަބަބުން ދުވާމީހުންނާއި ކަސްރަތުކުރާ މީހުންގެ ކަންބޮޑުވުންތަށް ގިނަވެފައިވަނިކޮށް އެތަން މަރާމާތުކުރަން ޔޫތް މިިނިސްޓްރީއިން މަސައްކަތްފެށީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. މިހާރު އެ ތަނުގެ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ޒަމާނީ ފެންވަރަށް ޓްރެކް ސަރަހައްދު ތަރައްގީ ކުރަނީ ސީއެސްއާރު މަޝްރޫއުގެ ދަށުން އާރުކޭއެލް ކުންފުނިންނެވެ.

ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާކަމަށެވެ. އަދި އަންނަ ނޮވެމްބަރު މަހުގެ އެގާރަ ވަނަ ދުވަހުގެ ނިޔަލަށް ޓްރެކް އެޅުމުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ. ޓްރެކްގެ މަސައްކަތް ނިމުމާއެކު އެތަން ބޭނުން ކުރަމުން ދިޔަ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށްވެސް މަޙްލޫފް ކުރެއްވި ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

މާލެ ކުޅިވަރު އެކުވެނި ދުވާ ޓްރެކްގައި ސިންތެޓިކް ޓްރެކެއް އެޅުމަށް ނިންމާފައިވާއިރު، ރާއްޖޭގައި މިހާތަނަށް ބައިނަލްއަގުވާމީ ފެންވަރަށް އަޅާފައިވާ ސިންތެޓިކް ދުވާ ޓްރެކެއް އޮންނަނީ ހުޅުމާލޭގައި އެކަންޏެވެ. އެހެންކަމުން މާލޭ ސަރަހައްދުގައި އިތުރު ސިންތެޓިކް ޓްރެކެއް ޤާއިމްކުރުން ވެގެންދާނީ އެތްލީޓުން ފަރިތަކުރުންތައް ކުރިޔަށްގެންދިޔުމަށް ލިބިގެންދާނެ އިތުރު ލުޔަކަށެވެ.