ޚަބަރު

މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް 3.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފި


މުޖުތަމަޢުގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށާއި ކިޔަވައިދިނުމަށާއި ބޭސްފަރުވާއަށްވެސް ޒަކާތު ފަންޑުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މީގެ އިތުރަށް ބައެއް ހާލަތްތަކުގައި މިސްކިތްތައް އާބާތުރަ ފިލުވުމަށާއި އެނޫންވެސް ރައްޔިތުންނާއި ގުޅުން ހުރި ގިނަ ކަންތައްތަކަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަން ފާހަގަކުރެވެއެވެ. ޚާއްސަކޮށް މިހާތަނަށް އައިރުވެސް ޒަކާތު ފަންޑުން ބޭސްފަރުވާގެ ކަންކަމަށާއި މަތީ ތަޢުލީމް ހާސިލް ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަންކަން ފާހަގަކޮށްލަން ޖެހެއެވެ.

މިފަދަ ބޮޑު ޚަރަދުތަކެއް ހިނގާ ކަންކަމަށް ޒަކާތު ފަންޑުން ޚަރަދު ކުރަމުންދާއިރު އެ ފަންޑަށް ފައިސާ ލިބެނީވެސް ރައްޔިތުންގެ ފަރާތުންނެވެ. ފިތުރު ޒަކާތާއި މުދަލު ޒަކާތުން ލިބޭ ފައިސާ ޔަތީމުންނާއި މިސްކީނުން އަދި ފަޤީރުންނަށް ބެހުމަށްފަހު ބާކީވާ ފައިސާ ޖަމާކުރަނީ އެ ފަންޑަށެވެ. އަދި އެ ފަންޑުގައި ހުންނަ ފައިސާ އަނެއްކާވެސް ހަމަ ޚަރަދު ކުރަނީ ދިވެހި ރައްޔިތުން ބޭނުންވާ ކަންކަމަށް ވަކި އުޞޫލެއްގެ ދަށުން ޒަކާތު ކޮމިޓީގެ ލަފަޔާ މަޝްވަރާގެ މަތިންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވދާޅުވީ ޒަކާތު ފަންޑުން ފޯރުކޮށްދެމުން ގެންދާ އެހީތަކުގެ ތެރެއިން މިއަހަރުގެ މިހާތަނަށް ބޭސްފަރުވާއަށް 3.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. އަދި މިދިޔަ އަހަރު ބޭސްފަރުވާއަށް 16 މިލިޔަން ރުފިޔާ ޚަރަދުކުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ކޯވިޑް- 19 ގެ ސަބަބުން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށްޓަކައި ޒަކާތު ފަންޑުން 3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކޮށްފައެވެ. އަދި މި ބަލިމަޑުކަމުގެ ސަބަބަބުން މާލޭގައި މަގުމަތިވި މީހުންނަށް 1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމށާއި ޤުރުއާން ކްލާސްތަކާއި ޕްރީ ސްކޫލްތަކަށް އެހީވުމަށްޓަކައި 1.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާތަނަށް 5.5 މިލިޔަން ރުފިޔާ ކޯވިޑްގެ ހާލަތާ ގުޅިގެން ޚަރަދުކޮށްފިން. 15 މިލިޔަން ރުފިޔާ ކޯވިޑް ގެ ހާލަތަށް ރިއާއަތްކޮށް ޚަރަދުކުރުމަށް ކޮމިޓީންވަނީ ނިންމާފައި. ޒަކާތު ފަންޑުން ޚަރަދުކުރަމުންދަނީ އެކުލަވާލާފައިވާ އުޞުލާ މިންގަނޑުތަކުގެ ތެރެއިން."އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

ޒަކާތު ފަންޑުން އެންމެ ބޮޑު ޚަރަދެއް ކުރަމުން އަންނަނީ ބޭސްފަރުވާއަށާއި ކިޔަވައދިނުމަށެވެ. މިގޮތުން ޒަކާތު ފަންޑުގެ އެހީގައި މިހާރުވެސް ރާއްޖެއިން ބޭރުގައި 22ވުރެ ގިނަ ކުދިން އަންނަނީ ކިޔަވަމުންނެވެ. އަދި މިހާރު އިސްލާމިކް މިނިސްޓްރީން އަންނަނީ ސްކޮލަރޝިޕް ދިނުމުގެ އުޞޫލު މުރާޖައާ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މިގޮތުން އަލަށް އެކުލަވާލާ އުޞޫލްގައި މިހާރު ބޭރުގައި ކިޔަވަން ތިބި ކުދިން ހާލުގައި ޖެހުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. މިހާރު އެ އުޞޫލް އެކުލަވާލުމަށްފަު އޮތީ ގެޒެޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އަދި އެއަށްފަހު އިތުރު ސްކޮލަރޝިޕްއަށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަން ވަނީ ނިންމާފައެވެ. މިފަހަރު ހުޅުވާލާއިރު ބޭރުގއި ހާލުގައި ޖެހިފައިވާ ދަރިވަރުންނަށްވެސް އިސްކަންދީގެ ހުޅުވާލުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީތެރިވަމުން އަންނަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެޑްމިޓްނުވެ އަދި އެޑްމިޓްކޮށްފައިވާ ބަލި މީހުންގެ ތެރެއިން އާސަންދައިން ނުވަތަ އެނޫން ގޮތަކުން ވެސް އެހީ ނުލިބޭ ނުވަތަ ލިބޭ އެހީއަކުން ނުފުދޭ ފަރާތްތައް ހިމެނެއެވެ.

މީގެ އިތުރުން ފުރާނައަށް ނުރައްކާވާ ޙާލަތުގައި އަތޮޅުތެރޭގެ ރަށްތަކުން މާލެއަށް ގެންނަންޖެހޭ ބަލިމީހުންނާއި ރާއްޖެއިން ފަރުވާ ލިބެންނެތް ބަލިތަކަށް ބޭސްފަރުވާކުރުމަށްވެސް ޒަކާތު ފަންޑުން އެހީ ފޯރުކޮށްދެއެވެ. އަދި ތެލަސީމިއާ ކުދިންގެ ތެރެއިން ބޯންމެރޯ ހަދަން ބޭނުންވާ ކުދިންނަށްވެސް ޒަކާތު ފަންޑުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.