ސިފައިންގެ ޚިދުމަތުގައި 48 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭކަލަކު ކޯވިޑް-19ގައި އަވަހާރަވެއްޖެއެވެ.
އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، ރޭ ކޯވިޑް-19ގައި އަވަހާރަވެފައި ވަނީ، ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް،) ޢަބްދުލް ޣަނީ އެވެ.
އުމުރުފުޅުން 82 އަހަރުފުޅުގައި ޣަނީ ރޭ އަވަހާރަވީ، ހުޅުމާލެ މެޑުކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާދެމުން ދަނިކޮށެވެ.
އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް،) ޢަބްދުލް ޣަނީ އަކީ، 1960 ވަނަ އަހަރު އޯގަސްޓްް މަހުގެ 27 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 48 އަހަރާ 11 މަހާ 4 ދުވަހުގެ ދިގު މުއްދަތުގައި ޚިދުމަތްކުރައްވާފައިވާ ބޭކަލެކެވެ.
ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް،) ޢަބްދުލް ޣަނީ ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވީ އެމްޑީއެފް ކޯސްޓްގާޑްގައި ކަނޑުމަތީގެ ޚިދުމަތްތަކުގައި ކަމަށާއި، ލެފްޓިނެންޓް ކާނަލް ޢަބްދުލްޣަނީީ ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެނިޝާނުގެ ގޮތުގައި 9 ކުލައާ 7 މެޑަލް ލިބިވަޑައިގެންފައިވާކަމުގައި އެމްއެންޑީއެފުން ވިދާޅުވެއެވެ.
ޣަނީ އަވަހާރަވުމުގެ ހިތާމައިގައި، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީވަނީ، އެއާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް،) ޢަބްދުލް ޣަނީ، ކޯވިޑް-19ގައި އަވަހާރަވުމާއި އެކު، މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 25އަށް އެރީއެވެ. އެންމެ ފަހުން މިބަލީގައި މީހަކު ނިޔާވެފައި ވަނީ، އޮގަސްޓް 18 ވަނަ ދުވަހުގައެވެ. އެއީ 41 އަހަރުގެ ދިވެހި އަންހެނެކެވެ.