ޚަބަރު

ޔޫތު މިނިސްޓްރީގެ ބިޑް އިވެލުއޭޝަންތައް އަންނަ ހަފްތާއިން ފެށިގެން ޢާންމުކުރަނީ


ޔޫތު މިނިސްޓްރީގެ ބިޑް އިވެލުއޭޝަންތައް އަންނަ ހަފްތާއިން ފެށިގެން ޢާންމުކުރަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓްރީގެ ބިޑް ކޮމިޓީންކުރާ ބިޑް އިވެލުއޭޝަންތައް އަންނަ ހަފްތާއިން ފެށިގެން ޢާންމުކުރަން ނިންމާފައިވާކަމަށެވެ. ޔޫތު މިނިސްޓްރީއަކީ އަތޮޅުތަކުގައާއި މާލޭގައި ކުޅިވަރުގެ ގިނަ ފެސިލިޓީތަކެއް ޤާއިމްކުރުމަށާއި، މަރާމާތަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އެއް މިނިސްޓްރީއެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން ހިންގާ އެކި މަސައްކަތްތަކުގެ ބިޑް މަރުހަލާގެ މަޢުލޫމާތު ޢާންމުކުރުމުން ކުރިމަތިލާ ފަރާތްތަކަށްވެސް މިކަމުން މުހިންމު އަދި ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށެވެ.

"ޔޫތު މިނިސްޓްރީގެ ބިޑް އިވެލުއޭޝަންތައް އަންނަ ހަފްތާއިން ފެށިގެން ޢާންމުކުރަން ނިންމާފައިވާ ވާހަކަ ދަންނަވަން. މިއީ ބިޑްކުރާ ހުރިހާ ފަރާތްތަކަށް މުހިންމު މަޢުލޫމާތަކަށް ވެގެންދާނެ. މި މަޢުލޫމާތުތައް ރައްޔިތުންނަށް އާންމު ކުރުމަކީ މުހިންމު ކަމެއް" މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

ދައުލަތުގެ މާލީ ކަންކަން އިތުރަށް ޙަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ނޭޝަނަލް ޓެންޑަރ މެދުވެރިކޮށް ކުރިއަށްގެންދާ ބީލަންތައް އިވެލުއޭޝަން މަރުހަލާގެ ޚުލާސާ، މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓުގައި އާންމުކުރުމަށް އެ މިނިސްޓްރީންވެސް ވަނީ ނިންމާފައެވެ.

ނޭޝަނަލް ޓެންޑަރ މެދުވެރިކޮށް ކުރިއަށްގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ޚުލާސާ، މިދިޔަ ހަފުތާ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިޢުކުރަން ފަށާފައެވެ. މިނިސްޓްރީން ވިދާޅުވީ އިވެލުއޭޝަން މަރުޙަލާގެ ޚުލާސާގައި ބީލަމަށް ކުރިމަތިލީ ފަރާތްތަކާ، އެފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާއި އިވެލުއޭޝަނުން ފާސްވިކަން ނުވަތަ ނުވާކަން އެނގޭނޭހެން ބަޔާންކޮށްފައިވާނޭ ކަމަށެވެ. އަދި ބީލަން ކާމިޔާބުނުވާ ފަރާތްތަކަށް އިވެލުއޭޝަނުން ދަށްވި ސަބަބުގެ ހުލާސާވެސް ހިމަނާފައިވާނެކަމަށާ، މީގެ އިތުރުން މަސައްކަތް އެވޯޑުކޮށްފައިވާ އަގާއޮ މުއްދަތު ހިމެނޭހެން ހުއްދަދީފައިވާ ދުވަހާއި ހުއްދަދިން ފަރާތުގެ މަޢުލޫމާތު ހިމަނާފައިވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.