ޚަބަރު

ސީއެސްސީއަށް 15 ނަމެއް ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކޮށްފި


ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް ކުރިމަތިލައްވާފައިވާ 41 ބޭފުޅުންގެ ތެރެއިން 15 ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ސިވިލްސަރވިސް ކޮމިޝަނަށް ކުރިމަތި ލެއްވި ބޭފުޅުންނާއި އިންޓަވިއު ކުރުމުގެ މަރުހަލާއަށްފަހު ކޮމިޓީއަށް ފެންނަ އެންމެ ރަނގަޅު ނަންތަކުގެ ގޮތުގައި 15 ބޭފުޅެއް ނަންވަނީ ތަޅުމަށް ފޮނުވަން ނިންމާފައެވެ. ބުދަދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ނިންމި ނިންމުންތަކާ ގުޅިން ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޮމިޓީން މިހާގިނަ ބޭފުޅުންގެ ނަންތަކެއް ތަޅުމަށް ފޮނުވަން ނިންމާފައިވަނީ މިބޭފުޅުންނަކީ މިމަޤާމަށް ވަރަށް ޤާބިލް ބޭފުޅުންކަން ކޮމިޓީގެ އިންޓަރވިއު މަރުހަލާގައި މެމްބަރުންނަށްވެސް ފާހަގަވުމުންކަމަށެވެ.

"ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމާފައިވާ 15 ބޭފުޅުންނަކީވެސް މިކަމަށް، ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެގޮތުން އަދި ހިންގުންތެރިކަމަށް ބެލިނަމަވެސް، ވަރަށް ޤާބިލް 15 ބޭފުޅުން. އަދި މިއިން ކޮންމެ ބޭފުޅަކު ސީއެސްސީއަށް ޢައްޔަންވީނަމަވެސް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެއްވާނެކަމަށް ޤަބޫލުކުރެވޭ. " ރޮޒައިނާ ވިދާޅުވިއެވެ.

މި 15 ބޭފުޅުންގެ ތެރޭގައި މިދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅުންނާއި، ތަޢުލީމީގޮތުން މަތީ ފާސްތަކާއި ތަޖުރިބާހުރި ބޭފުޅުން ހިމެނެއެވެ. އޭނާ ވިދާޅުވީ ކޮމިޓީން 15 ނަމެއް ތަޅުމަށް ފޮނުވަން ފާސްކުރި ނަމަވެސް ކޮމިޓީން ތަރުތީބުކޮށްފައިވަނީ ކުރިމަތިލުމަށް މަޖިލީހަށް ސިޓީ ފޮނުވާފައިވާ ލިސްޓުގެ ތަރުތީބުންކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރުމަށް ކޮމިޓީން ފާސްކޮށްފައިވާ 15 ބޭފުޅުން

  • 1- މަރިޔަމް މުނާ / މ. ބާރަނާގެ، ކ.މާލެ
  • 2- މުޙައްމަދު ޝަރީފް / ފުސަތުޅާގެ، ގދ.ތިނަދޫ
  • 3- އިބްރާހިމް ރަޝީދު / ބްލެކް، ރ.މީދޫ
  • 4- މުނާ މުޙާއްމަދު / މ. ބަބުނަ، ކ.މާލެ
  • 5- އަޖްވަދު ޢަލީ / ގ. ބްލޫ ވޭލް
  • 6- މުޙައްމަދު ފަރުޞަތު / ހ.ޓޫހާޓްސް
  • 7- ރިފާހަތު ފަރުޙަތު / ގ. ވެގާ2
  • 8- ޝުހުދާ ރިޟްވާން / ފްލާވަރމީޑް، ސ.މީދު
  • 9- މަރިޔަމް ޝެނީން / މއ. ފޮސީތިއާ
  • 10- ޢާއިޝަތު ޝާހީން / މއ. ވިލާރޯދި
  • 11- މުޙައްމަދު ނަޞީރު / މ.ފުންފިނި
  • 12- ރަޝީދާ ޢަލީ / ގ. ޖަނަވަރީމާގެ
  • 13- މުޙައްމަދު ނާޞިހް / ގ. ފަލްކަންގެ
  • 14- އަޙްމަދު މޫސާ / ހ. އަމްސާވިލާ
  • 15- ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެމްބަރަކު ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމާ ގުޅިގެން، ތަޅުމުގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މަޤާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. 5 މެންބަރުން ހިމެނޭ ސީއެސްސީގައި މިހާރު އިންނަވަނީ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި ފާޠިމަތު އާމިރާ އެކަންޏެވެ.