ކުޅިވަރު

ހޫނުމޫސުމުގެ ޗުއްޓީއަށް ޖެރާޑް ޕީކޭ އާއި ޝަކީރާ ރާއްޖޭގައި


ބާސެލޯނާގެ ވައިސް ކެޕްޓަން ޖެރާޑް ޕީކޭ އާއި އޭނާގެ އަންހެނުން، މަޝްހޫރު ލަވަކިއުންތެރިޔާ ޝަކީރާ، ހޫނުމޫސުމުގެ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.

މިއީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުން ކުރުމަށްފަހު އަލުން ބޯޑަރުހުޅުވާލިފަހުން ރާއްޖެއަށް ޗުއްޓީހޭދަކޮށްލުމަށް އައި ފުރަތަމަ ސެލެބްރިޓީ ޖޯޑެވެ. ކުޑަ ދެ ދަރިންނާއިއެކު ޖެރާޑް ޕީޖޭ އާއި ޝަކީރާގެ އާއިލާ ޖުއްޓީހޭދަކުރަމުންދަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގައެވެ. ވޯލްޑޯފް އެސްޓޯރިއާއަކީ ހިލްޓަންގެ އެންމެ ލަގްޒަރީ އެއް ބްރޭންޑެވެ.

ރާއްޖެއަކީ އަބަދުވެސް މަޝްހޫރު އެތްލީޓުންގެ މެދުގައި މަގްބޫލް މަންޒިލެކެވެ. އެގޮތުން މީގެކުރިންވެސް ހޫނުމޫސުމުގެ ޗުއްޓީއަށް ގިނަ އެތްލީޓުންތަކެއް ވަނީ އެކިފަހަރުމަތިން ރާއްޖޭގެ ހިތްގައިމުކަން ބަލާލަން އައިސްފައެވެ. ނަމަވެސް މިހާރު މުޅި ދުނިޔެއަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ބޮޑެތި ދަތިތަށް ހުރުމާއިއެކު ގިނަ އެތްލީޓުން ޗުއްޓީހޭދަކުރަމުން އަންނަނީ ޔޫރަޕުގެ މަންޒިލްތަކުގައެވެ.

ޖެރާޑްޕީކޭ އާއި އޭނާގެ އާއިލާ ޗުއްޓީހޭދަކޮށްލުމަށް ރާއްޖެ އިހުތިޔާރު ކުރިއިރު މިސީޒަނަކީ މިފަހުން އޭނާ ނިންމާލަން ޖެހުނު އެންމެ ނާކާމިޔާބު ސީޒަނެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ބާރަ އަހަރަށްފަހު ތައްޓެއް ނުލިބި ހުސްއަތާ ސީޒަން ނިންމާލަން ޖެހުމެވެ. އަނެއްކޮޅުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އަތުން ލަދުވެތި ގޮތަކަށް ބާސެލޯނާ ބަލިވެ މުބާރާތުން ކެޓި މެޗަށްފަހު ނޫސްވެރިންގެ ބައްދަލުވުމަށް ދިޔައީވެސް ޖެރާޑް ޕީކޭއެވެ.

މިދަނޑިވަޅުގައުވެސް ޕީކޭ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެފަދަ ގުދުރަތީ ރީތި މަންޒިލެއް ޚިޔާރުކުރި ސަބަބަކީ މިއީކަމުގައި ވުންވެސް އެކަށިގެންވެއެވެ. ނުވަތަ ޗުއްޓީ ހޭދަކޮށްލުމަށް ރީތި ހުދު ދޮންވެލި ގޮނޑުދޮށްތަކާއި ސާފު މޫދުން ސިކުނޑިއަށް އަރާމުކަން ހޯދާލަން ޕީކޭ ބޭނުންވީ މިފަހަރުގެ ޗުއްޓީގައި ފިލުވާލަން ޖެހޭ ހިތްދަތިކަން މާބޮޑުވުން ކަމުގައިވެސް ވެދާނެއެވެ.

ޕީކޭއާއި ޝަކީރާގެ ޖޯޑުވަނީ މީގެކުރިންވެސް ޗުއްޓީހޭދަކޮށްލުމަށް ރާއްޖެ އައިސްފައެވެ.