ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމުތަކަށް ޢައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އެޗްއާރުސީއެމްގެ ހުސްވެފައިވާ މެންބަރުންގެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހަޅުއްވާފައި ވަނީ އެ ކޮމިޝަނުގެ 3 މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީއާއި، އަދި އެ ބޯޑުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު، 12 ސެޕްޓެންބަރު 2020 ގެ ނިޔަލަށް ހަމަވާތީ، އެ މަޤާމުތަކަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައެވެ.
އެޗްއާރުސީއެމްއަށް އައްޔަންކުރައްވާފައިވާ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ރައީސް ހިމެނޭހެން 3 މެންބަރަކު އިސްތިއުފާ ދެއްވާފައިވަނީ އެ މެންބަރުންނާ ގުޅޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުން ބަލައި ބައެއް މެންބަރުން މަޤާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ ބާކީ ތިބި ދެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ނާއިބް ރައީސް މަޤާމުން ވަކިކޮށްފައެވެ. އެ ކޮމިޝަނުގައި މިހާރު ހުންނެވީ އެންމެ މެންބަރެކެވެ. އެ މެންބަރުގެ މެންބަރުކަމުގެ މުއްދަތު އަންނަ މަހުގެ 12 ވަނަ ދުވަހު ހަމަވާނެއެވެ.