ޚަބަރު

އަތްދޮވުމުގެ ވަޞީލަތްތައް ނެތުމުން 800 މިލިއަން ދަރިވަރުންވަނީ ނުރައްކަލަށް ހުށަހެޅިފައި: ދިރާސާ


އަތްދޮވުމުގެ އިންތިޒާމުތައް މަދަރުސާތަކުގައި ހަމަޖެހިފައިނެތުމުގެ ސަބަބުން އެ ތަންތަން އަލުން ހުޅުވުމުން 800މިލިއަނަށްވުރެ ގިނަ ދަރިވަރުން ނުރައްކަލަށް ހުށަހެޅޭނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ. ތާރީޚުގައި ހުރަސް އެޅިފައިނުވާ މިންވަރަށް ތަޢުލީމު ފޯރުކޮށްދިނުމަށް ކޯވިޑް-19ގެ ސަބަބުންވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ. ޖުލައި މަހާ ހަމައަށް 160 ޤައުމެއްގެ މަދަރުސާތައްވަނީ ބަންދުކޮށްފައެވެ. އޭގެ ސަބަބުން އެއް ބިލިއަނަށްވުރެ ގިނަ ދަރިވަރުންވަނީ ތަޢުލީމުން މަހުރޫމުވެފައެވެ.

ޑަބުލިއުއެޗުއޯއާއި އދގެ ޔުނިސެފާ ގުޅިގެން ނެރުނު ދިރާސާއެއްގައި ބުނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ހުރި މަދަރުސާތަކުގެ ތެރެއިން 43 އިންސައްތަ މަދަރުސާގައި އަތް ދޮވުމަށް ބޭނުންވާ ފެނާއި ސައިބޯނި ލިބެން ނެތްކަމަށެވެ. އޭގެ ސަބަބުން ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅުގައި ބަންދުކޮށްފައިވާ މަދަރުސާތަކަށް އަލުން ދަރިވަރުން ހާޒިރުވާން ފެށުމުން 818 މިލިއަން ކުދިންނަށް ބަލިޖެހުމުގެ ފުރުޞަތު އިތުރުވާނެކަމަށް އެ ދިރާސާގައިވަނީ ފާހަގަކޮށްފައެވެ.

އެންމެ ކުޑަކޮށް ކުރިއަރާފައިވާ ޤައުމުތަކުގައި ހުންނަ މަދަރުސާތަކުގެ ކޮންމެ 10 މަދަރުސާއަކުން 7 މަދަރުސާގައި އަތް ދޮވުމުގެ ވަޞީލަތްތައް ލިބެން ނުހުންނަކަމަށް ދިރާސާގައިވަނީ ފާހަގަކޮށްފައެވެ. ދެ ބައި ކުޅަ އެއްބަޔަށްވުރެ ގިނަ މަދަރުސާގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ލިބޭކަށް ނުހުރެއެވެ.

މަދަރުސާތައް އަލުން ހުޅުވުމުގެ ކުރިން އަތް ދޮވެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ޞިއްޙީ މާހިރުންނާއި ސައިންސުވެރިންވަނީ ފާހަގަކޮށްފައެވެ. ފަޤީރުކަމުން ސަލާމަތްވުމަށް ތަޢުލީމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ވިޔަސް އަތް ދޮވުމުގެ ވަޞީލަތްތަކާއި ރައްކާތެރިކޮށް ފާޚަނާކޮށް ސާފުވެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާނަމަ އެތައް މިލިއަން ދަރިވަރުންގެ ޞިއްޙަތަށާއި އުނގެނުމަށް ލިބޭ ފުރުޞަތުތަކަށް ހުރަސްއެޅޭނެކަމަށް މާހިރުންވަނީ ފާހަގަކޮށްފައެވެ. އަދި ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކަލަކީ އެ ކަންކަމަށް ދޭ ސަމާލުކަމާއި މުހިންމުކަން އިތުރުކުރުމަށް ލިބޭ ފުރުޞަތެއްކަމަށްވަނީ ފާހަގަކޮށްފައެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ މަދަރުސާތައް ބަންދުކޮށް އިންޓަނެޓު މެދުވެރިކޮށްދަނީ ކިޔަވައިދެމުންނެވެ. ނަމަވެސް ހުރިހާ ޤައުމެއްގެ ދަރިވަރުންނަށް ލިބޭ ފުރުސަތުތައް އެއްވަރުނުމުގެ ސަބަބުން ފަޤީރު ޤައުމުތަކުގެ ކުދިންނަށް ލިބޭ އުނގެނުމުގެ ފުރުސަތުތައް ގެއްލި، މުއްސަނދިންނާއި ފަޤީރުންނާ ދެމެދު އޮންނަ ފަރަޤު އިތުރުވާނެކަމަށްވަނީ ބެލެވިފައެވެ