ޚަބަރު

އދ.ގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ކެމްޕެއިންގެ ހަރަކާތްތައް ރާއްޖޭގައި ފަށައިފި


އ.ދ.ގެ މަސައްކަތްތަކަށް 75 އަހަރު ފުރުމާ ގުޅިގެން ފަށާފައިވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ކެމްޕެއިންގެ ހަރަކާތްތައް، ރާއްޖޭގައި އިފްތިތާހުކޮށްފިއެވެ.

އޮންލައިންކޮށް ބާއްވާފައިވާ މި ހަފްލާގައި މިހަރަކާތްތައް އިފްތިތާހުކޮށްދެއްވާފައިވަނީ އ.ދ.އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތެރިން ހެސްވެލްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ކެބިނެޓް މިނިސްޓަރުންގެ އިތުރުން ސަރުކާރު ވުޒާރާތަކާއި، އަމިއްލަ ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން އެހެނިހެން ޕާޓްނަރުން ވަނީ މިހަފްލާގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

އ.ދ.އިން ކުރިއަށްގެންދާ، "ޔޫ.އެން.75" ކެމްޕެއިން އަމާޒުކުރާނީ ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް
ހައްލުކުރުމުގައި ތަފާތު ރަށްތަކާއި، ދާއިރާތައް އަދި އެކި ޖީލުތަކަށް ނިސްބަތްވާ މީހުންގެ ބައިވެރިވުން އިތުރުކުރުމަށެވެ. 2020 ވަނައަހަރުގެ ނިޔަލަށް ހިންގަން ރާވާފައިވާ މިކެމްޕެއިންގެ ހަރަކާތްތަކުގައި ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތައް ކަމަށްވާ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށާއި، ތިމާވެއްޓާއި މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް ސަމާލުކަން ދިނުން ހިމެނެއެވެ. މީގެ އިތުރުން މުޖުތަމަޢުގެ ތެރޭގައި ހުންނަ ތަފާތުކުރުންތައް ނައްތާލުމަށް ރާއްޖެއަށް އެހީތެރިވެދިނުމުގައި ޒުވާނުންނާއި، މުޖުތަމަޢުގައި ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުގެ ޚިޔާލާއި ބައިވެރިވުން އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ނިންމާފައިވާކަމަށް ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން ވިދާޅުވެއެވެ.

މިއަހަރަކީ ރާއްޖެ، އ.ދ.ގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާތާ 55 އަހަރު ފުރޭ އަހަރެވެ. އެހެންކަމުން ސަރުކާރުގެ ވުޒާރާތަކާއި،އަމިއްލަ ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތަކާއި އާންމުން ގުޅިގެން ވީހާވެސް ގިނަ މަޝްވަރާތަކެއްކުރަން ރާއްޖޭގައި ހުންނަ އ.ދ.ގެ އޮފީހުންވަނީ ރާވާފައެވެ.

ކޯވިޑް19ގެ ހާލަތަށް ރިއާޔަތްކޮށް، މި ކެމްޕެއިންގެ މަޝްވަރާ ބައްދަލުވުންތަކާއި ހަރަކާތްތައް ބާއްވަން ނިންމާފައިވަނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިންނެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަޤުޞަދަކީ، މިބަލިމަޑުކަމުން އަރައިގަތުމަށް ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، އެއްވެސް މީހެއް ބާކީ ނުކޮށް ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމަށް ކުރަންޖެހޭ މުހިއްމު ކަންތައްތައް ކުރުންކަމަށް ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން ވިދާޅުވެއެވެ.

މިހަފްލާގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ފޮރިންއެފެއާޒް ޢަބްދުﷲ ޝާހިދު ވަނީ އ.ދ.ގެ މައިގަނޑު އަގުތަކާއި އުސޫލުތައް ދެމެހެއްޓުމުގައި ދިވެހިރާއްޖެ ދެމިތިބޭނެކަމަށާއި، "ޔޫ.އެން.75"ގެ ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

އަދި، ކޯވިޑް-19ގެ ބަލިމަޑުކަމުން ރާއްޖެ އަރައިގަތުމަށް މިހާރަށްވުރެން ހަރުދަނާ، ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ސިޔާސަތުތަކެއް ހަދާ ތަންފީޒުކުރުމަށް މި ހަރަކާތްތަކުގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށް ޤަބޫލުކުރައްވާކަމަށްވެސް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

ބައިނަލްއަޤްވާމީ މިކެމްޕެއިންގައި ދިވެހިރާއްޖެ ތަމްސީލުވާނެކަން ޔަގީންކުރުމަށްޓަކައި، އެންމެހާ ޕާޓްނަރުންނަށާއި ދިވެހި ރައްޔިތުންނަށް މަޝްވަރާތަކުގައި ބައިވެރިވެ، ހިޔާލު ފާޅުކުރުމަށް އ.ދ.އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޒިޑެންޓްކޯޑިނޭޓަރ ކެތެރިން ވަނީ ގޮވާލައްވާފައެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ މަންފާ ހުރިހާ އެންމެންނަށްވެސް ފޯރުވާނޭ ފަދަ އިންތިޒާމެއް ޤާއިމްކުރުމަށާއި، ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމަށްވެސް ކެތަރީން ފާހަގަ ކުރެއްވިއެވެ.

2020 ވަނަ އަހަރަކީ އ.ދ.ގެ މެމްބަރު ގައުމުތަކުން 2030 ވަނަ އަހަރުގެ ނިޔަލަށް ހާސިލްކުރުމަށް އެއްބަސްވެފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރަން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ކަނޑައަޅާފައިވާ "ޑެކޭޑް އޮފް އެކްޝަން"ގެ 10 އަހަރުވެސް ފެށުމަށް ހަމަޖެހިފައިވާ އަހަރެވެ. މިލަނޑުދަނޑިތައް ހާސިލްކުރުމަށް ދިވެހިރާއްޖެއިން ކުރާ އެންމެހާ މަސައްކަތްތަކުގައި އ.ދ.ގެ ފުރިހަމަ އެއްބާރުލުން ކެނޑިނޭޅި ލިބޭނެ ކަމުގެ ޔަޤީންކަން އދ.އިން ވަނީ ދެއްވާފައެވެ.