ދުނިޔޭގެ ވިޔަފާރި

ބޮއިންގ ކުންފުނިން އިތުރު މުވައްޒަފުން ވަކިކުރަނީ


މަތިންދާބޯޓު އުފައްދާ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި، ބޮއިންގ ކުންފުނިން އިތުރު މުވައްޒަފުން ވަކިކުރަން ނިންމާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ބޮއިންގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ކުރިން ނިންމާފައި އޮތްއިރު، އިތުރު މުވައްޒަފުން ވަކިކުރަން ނިންމާފައިވާކަން އިޢުލާންކޮށްފައި މިވަނީ، ކޯވިޑްއާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ ސިނާޢަތަށް ވަރަށް ބޮޑު ގެއްލުމެއް ލިބެމުންދާ ދަނޑިވަޅެއްގައެވެ.

ބޮއިންގއިން އެންމެ ފުރަތަމަ މުވައްޒަފުން ވަކިކުރަން ނިންމާފައިވާކަން އިޢުލާންކުރީ މިދިޔަ އޭޕްރީލްމަހުއެވެ. އެގޮތުން 16 ހާސް މުވައްޒަފުން ވަކިކުރަން އެކުންފުނިން ނިންމިއިރު، އެއީ ކުންފުނީގެ ގާތްގަނޑަކަށް 10 އިންސައްތަ މުވައްޒަފުންނެވެ.

ކޯވިޑްގެ ސަބަބުން ބޮއިންގ ކުންފުންޏަށްވެސް ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން ކޯވިޑްގެ ސަބަބުން ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް އައިސްފައިވާއިރު، އެކުންފުންޏަށް ލިބިފައިވާ އެތައް ސަތޭކަ މަތިންދާބޯޓެއްގެ އޯޑަރު ވަނީ ކެންސަލްކޮށްފައެވެ. އަދި މިކަމުގެ ސަބަބުން އެކުންފުންޏަށް ލިބެމުންދާ އާމްދަނީ ވަނީ ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ.

ބޮއިންގ ކުންފުނީގެ މުވައްޒަފުން ވަކިކުރަމުންދާއިރު، އެމުވައްޒަފުންނަށް އިނާޔަތާއި ޚާއްސަ ޕެކޭޖްތައް އެކުންފުނިން ފޯރުކޮށްދެއެވެ. ކޯވިޑްގެ ސަބަބުން އެންމެ ބޮޑު އަސަރުކުރި ސިނާޢަތަކަށް އޭވިއޭޝަން ވެފައިވާއިރު، އެ ސިނާއަތަށް ލިބުނު ގެއްލުން 80 ބިލިއަން ޑޮލަރަށް އަރާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އަދި ކުރިން އޮތް ހާލަތަށް އޭވިއޭޝަން ސިނާއަތް އަނބުރާ ދިއުމަށް 4 ވަރަކަށް އަހަރު ނަގާނެކަމަށްވެސް ތަޖުރިބާކާރުން ލަފާކުރެއެވެ.