ދުނިޔޭގެ ވިޔަފާރި

ޗައިނާއާއި އެމެރިކާއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ތާވަލްކޮށްފައެއް ނެތް


ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރަސްމީ ބައްދަލުވުމެއް ތާވަލްކޮށްފައި ނެތްކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ރަސްމީ މަޝްވަރާއެއް ބޭއްވުމަށް ތާވަލްކޮށްފައި ނުވާއިރު، ދެޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މިމަހު 15 ވަނަ ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ކުރިން މަސައްކަތްކުރިއެވެ. މިބައްދަލުވުމަކީ އެއްބަސްވުމުގެ ދަށުން ކުރި ކަންކަން މުރާޖަޢާކުރަން ބާއްވަން ލާޒިމް ބައްދަލުވުމެކެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކުރި ބައްދަލުވުން ފަސްކުރަން ނިންމީ ކޯވިޑްގެ ކަންތައްތަކުގައި ޗައިނާއިން އަމަލުކުރަމުންދާ ގޮތުންކަމަށެވެ. ޓްރަމްޕް ވިދާޅުވީ ކޯވިޑް ފެތުރުން ހުއްޓުވުމަށް ޗައިނާއިން އެކަށީގެންވާ މަސައްކަތްކޮށްފައި ނުވާކަމަށެވެ. އަދި ޗައިނާއާއެކު ޤާއިމްކޮށްފައިވާ ފުރަތަމަ މަރުހަލާގެ ވިޔަފާރީ އެއްބަސްވުން އުވާލުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ދޭހަވާފަދަ ގޮތަކަށްވެސް ޓްރަމްޕް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުމެއް ތާވަލްކޮށްފައި ނުވިނަމަވެސް، އެމެރިކާގެ އޮފިޝަލުންނާއި ޗައިނާގެ އޮފިޝަލުން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ވިޔަފާރި އެއްބަސްވުމުގެ ދަށުން ޗައިނާއިން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ އެމެރިކާގެ އޮފިޝަލުން ބަލަމުންދާކަމަށެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ޤާއިމްކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ޗައިނާއަށް އެމެރިކާއިން އިމްޕޯޓްކުރާ މުދަލުގެ ނިސްބަތް އިތުރުކުރަންޖެއެވެ. ކޯވިޑްގެ ސަބަބުން މިއަދަދު ދަށްކޮށް އުޅުނަސް، މިހާރު މަޑުމަޑުން އިމްޕޯޓް އިތުރުވަމުންދާކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.