ކުޅިވަރު

ބާސާ އަލުން އެކުލަވާލުމުގައި ދޫކޮށްނުލާނެ ސީނިއާ ހަތް ކުޅުންތެރިން އިއުލާންކޮށްފި


ބާސެލޯނާ އަލުން އެކުލަވާލުމަށް މިހާރުތިބި ކުޅުންތެރިންގެ ތެރެއިން ދޫކޮށްނުލާނެ ސީނިއާ ހަތް ކުޅުންތެރިއަކު ބާސެލޯނާއިން ފާހަގަކޮށްފިއެވެ.

އެ ހަތް ކުޅުންތެރިންނަކީ ލުއިސް ސުއަރޭޒް އާއި ޖެރާޑް ޕީކޭ އާއި ސެމިއުލް އުމްޓީޓީ އާއި ޖޯޑީ އަލްބާ އާއި އަރްތޫރޯ ވިދާލް އާއި އިވާން ރަކިޓިކް އަދި ސާޖިއޯ ބުސްކެޓްސްއެވެ.

ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ބުނީ އާ ކޯޗަކަށް ގެނައުމަށް ނިންމާފައިވާ ނެދަލޭންޑްސްގެ ކޯޗު ރޮނަލްޑް ކޫމަންގެ ޕްލޭންގެ އެންމެ މުހިންމު ކުޅުންތެރިއަކީ ކެޕްޓަން ލަޔޮނަލް މެސީ ކަމަށެވެ. މިހެންވެ މެސީ ކުލަބު ދޫކޮށްނުލާނެ ކަމަށާއި މެސީ އާއި މެސީގެ ބައްޕައާއެކު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ބާޓޮމެއު ބުންޏެވެ.

"އަހަރުމެން އެބަ ވާހަކަ ދައްކަން ކީޕަރު މާކް އަންދްރޭ ޓާސްޓެގަން އާއި ނެލަސަން ސަމޭދޯ އާއި ކްލެމެންޓް ލެންގްލެޓް އަދި ފްރޭންކީ ޑިޔޮންގާއި އޮސްމާނޭ ޑެމްބްލޭ އަދި އެންޓޮއިން ގްރީޒްމަންއާ،" ބާޓޮމެއު ބުންޏެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ ޒުވާން ކުޅުންތެރިން ދޫކޮށްނުލާނެ ކަމަށާއި އޭގެ ތެރޭގައި ރިކީ ޕުއިޖް އާއި އަންސޫ ފަޓީ ހިމެނޭ ކަމަށެވެ. ސަބަބަކީ މި ކުޅުންތެރިންނަކީ ކުލަބުގެ އެކަޑަމީގެ ގްރެޖުއޭޓުން ކަމަށްވުމުންނެވެ.

އަލަށް ޓީމަށް ގެންނާނެ ކުޅުންތެރިންނާ ބެހޭ ގޮތުން ބާޓޮމެއު ބުނީ އެކުލަބުގެ ކުރީގެ ފޯވަޑް ޕީއެސްޖީގެ ނޭމާ ނުވިއްކާނެ ކަމަށް ޕީއެސްޖީން ވަރަށް ސާފުކޮށް ބުނަމުންދާ ކަމަށެވެ. ނަމަވެސް އާޖެންޓީނާގެ ފޯވަޑް އިންޓަމިލާނުގެ ލައުޓާރޯ މާޓިނޭޒް ގަތުމަށް ވާހަކަ ދެކެވުނު ކަމަށެވެ.

"އެކަމަކު އަހަރުމެން މިވަގުތު އެވާހަކަ ހުއްޓާލައިފިން. ސަބަބަކީ ފުޓްބޯޅަ މެޗުތައް އަލުން ކުޅެން ފެށުން. އެކަމަކު އޭނާ އަކީ ގެންނަން އަހަރުމެން ވާހަކަ ދައްކާނެ ކުޅުންތެރިއެއް،" ބާޓޮމެއު ބުންޏެވެ.