ކުޅިވަރު

ބާސެލޯނާގެ ކޯޗަކީ ކޫމަން: ބާޓޮމެއު


ބާސެލޯނާގެ އާ ކޯޗުކަކީ ނެދަލޭންޑްސްގެ ކޯޗު ރޮނަލްޑޯ ކޫމަން ކަމަށް އެކުލަބުން ބުނެފިއެވެ.

ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ބުނީ އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ ކޫމަން ކޯޗަކަށް ގެނައުމަށް ނިންމާފައިވާ ކަމަށާއި ކޮންޓްރެކްޓް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
"އަހަރުމެން ނިންމައިފިން ކޯޗަކީ އޭނާ ކަމަށް. ކަންތައްތައް ގޯސްކޮށް ނުގޮސްފިނަމަ އޭނާ ވަރަށް އަވަހަށް ކޮންޓްރެކްޓްގައި ސޮއިކުރާނެ،" ބާޓޮމެއު ބުންޏެވެ.

ސްޕޭނުގެ ރިޕޯޓްތައް ބުނާގޮތުން ކޫމަން މިހާރު ވަނީ އޭނާ ދޫކޮށްލުމަށް ނެދަލޭންޑްސްގެ ފުޓްބޯޅް ފެޑަރޭޝަނުގައި އެދިފައެވެ. އަދި މިކަމާމެދު މަޝްވަރާކުރަން ބާސެލޯނާގެ ޓީމެއް ނެދަލޭންޑްސް އަށް ގޮސްފައިވާ ކަމަށް ވެސް ނޫސްތަކުން ބުނެއެވެ. އަނެއްކޮޅުން ކޫމަން މިހާރު ހުރީ ބާސެލޯނާގައެވެ.

ބާސެލޯނާގެ ކޯޗުކަން ހުސްވީ އެ މަގާމުގައި ހުރި ކީކޭ ސެޓިއެން މަގާމުން ވަކި ކުރުމުންނެވެ. އެންމެ ހަތް މަހަށް ފަހު ސެޓިއެން މަގާމުން ވަކިކުރީ މި ސީޒަނުގައި ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުމުންނެވެ. އަދި ޗެމްޕިއަންސް ލީގުން ކެޓިއިރު ނުކުތް ލަދުވެރި ނަތީޖާގެ ސަބަބުންނެވެ.

މިއާއެކު ބާސެލޯނާގެ ކަންކަން އިސްލާހުކުރުމަށް ކުލަބުގެ ކުއްލި ބޯޑު ބައްދަލުވުންތަކެއް މިދިޔަ ދެ ދުވަހު ވަނީ ބާއްވާފައެވެ. މި ބައްދަލުވުންތަކަށް ފަހު ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ސަބަބަކީ ކުޅުންތެރިންނާ މައްސަލަ ޖެހިފައިވުމާއި ބާސެލޯނާއިން މި ފަހުން ކުރި ޓްރާންސްފާތައް ދޯދިޔާވުމެވެ.