ޚަބަރު

ތިން ފާލަމެއް ރަސްމީ ބޭނުމަށް ހަމަޖެއްސުން


ޢިއްޒުއްދީން ފާލަމާއި ޖެހިގެން އޮތް ތިން ފާލަމެއް ރަސްމީ ބޭނުމަށް ހަމަޖައްސާ، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އެތަންތަން އާއްމު ފަރާތްތަކަށް ބޭނުންނުކުރެވޭގޮތަށް ހަމަޖައްސައިިފިއެވެ. އެއާއެކު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޢިއްޒުއްދީން ފާލަމާއި ޖެހިގެން މަސްދޯނި ފަހަރު އަޅާފަ އޮންނަ ސަރަޙައްދުގައި ދޯނިތައް ނޭޅޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ލޯކަލް މާރުކޭޓްގެ ހުޅަނގު ފަރާތުން އެދޯނިތައް އެޅުމަށް ޚާއްސަ ސަރަޙައްދުތަކެއް ކަނޑައެޅުމަށް ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަސްމީ ފާލަން ސަރަޙައްދު ރަނގަޅު ފެންވަރެއްގައި އެދެވޭ ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، އެއް ނަމްބަރު ފާލަމާއި ދެނަމްބަރު ފާލަމަކީ ޢިއްޒުއްދީން ފާލަމުގެ ބައެއްގެ ގޮތުގައި ހަމަޖައްސާ، ފާލަން ބެލެހެއްޓުން އެމްޓީސީސީއާ ހަވާލުކުރާގޮތަށް ނިންމާފައިވާކަމަށެވެ. އެމްޓީސީސީއާއި ހަވާލުކުރެވެނީ، ފާލަން ބޭނުންކުރުމުގައި ވިޔަފާރި އުސޫލުން ބޭނުންކުރެވޭގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޢިއްޒުއްދީން ފާލަމާއި ޖެހިގެން މަސްދޯނި ފަހަރު އަޅާފަ އޮންނަ ސަރަޙައްދުގައި ދޯނިތައް ނާޅާގޮތަށްވެސް ހަމަޖައްސާފައިވާކަމަށެވެ. އަދި ލޯކަލް މާރުކޭޓްގެ ހުޅަނގު ފަރާތުން އެދޯނިތަކަށް ޚާއްސަ ސަރަޙައްދުތަކެއް ކަނޑައެޅުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. 

މިބަދަލާއެކު މަސް ދޯނި ފަހަރުން މަސް މާރުކޭޓަށް މަސް ބޭލުމަށް އެއިންތިޒާމު މަސް މާރުކޭޓާއި ދިމާލުން ހަމަޖައްސައިދެވޭނެކަމަށާއި، އަދި މާލޭ ފަޅުގައި އަޅާނަމަ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން އެއިންތިޒާމު ހަމަޖެއްސުމަށް އެމްޕީއެލްއާ ވާހަކަދައްކާފައިވާކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

ތިން ނަމްބަރު ފާލަން ފުލުހުންގެ ޚާއްސަ ބޭނުމަށް އަދި ހަތަރު ނަމްބަރު ފާލަމަކީ އެމްއެންޑީއެފްއަށް ޚާއްސަ ފާލަމެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅާފައެވެ.