ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ފިލިޕީންސްގެ ވެރިކަންކުރާ މެނީލާ ސަރަޙައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދީފިއެވެ.
ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ ފިލިޕީންސްގައެވެ. އެ ޤައުމުގައި މިހާތަނަށް 164،474 މީހުންނަށް ކޯވިޑް-19ޖެހި 2،681 މީހުންވަނީ މަރުވެފައެވެ. ޤައުމުގެ ޞިއްޙީ ނިޒާމަށް ހިފަހައްޓާނުލެވޭ މިންވަރަށް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެދާނެކަމަށް ޞިއްޙީ މާހިރުން އިންޒާރު ދިނުމުން އޮގަސްޓު މަހުގެ 4ވަނަ ދުވަހުން 18ވަނަ ދުވަހަށް އެ ޤައުމުގެ ވެރިކަންކުރާ ސިޓީއާއި ވަށައިގެންވާ ސަރަޙައްދުވަނީ އަނެއްކާވެސް ފުރަބަންދުކޮށްފައެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ޚިޠާބެއްގައި ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓަރޓޭ ވިދާޅުވީ ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށަންޖެހޭކަމަށާއި ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށެވެ. އިޤްތިޞާދީ ޙަރަކާތްތައް އަލުން ފެށި ނަމަވެސް ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތަކަށް ބޯލެނބުމުގައި ޢާންމުން ދެމިތިބެންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ކޯވިޑް-19 ފެތުރެން ފެށުމުގެ ކުރިން ފިލިޕީންސްގެ އިޤްތިޞާދު ދިޔައީ ވަރަށް ހަލުވި މިނުގައި ކުރިއަރަމުންނެވެ. ނަމަވެސް ބަލިމަޑުކަން ފެތުރޭތީ ޤައުމު ފުރަބަންދުކުރަން މަޖުބޫރުވުމުގެ ސަބަބުން ފާއިތުވި 29 އަހަރު ހީނަރުނުވާ މިންވަރަށް އެ ޤައުމުގެ އިޤްތިޞާދުވަނީ ހީނަރުވެފައެވެ. ރައީސް ޑުޓަރޓޭގެ ތަރުޖަމާނު، ހެރީ ރޯކް ވިދާޅުވީ މެނީލާ ފުރަބަންދުކޮށްފައި އޮތް ދެ ހަފުތާގެ ތެރޭގައި ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތައް ރާވާފައިވާކަމަށެވެ. އަދި ޢާންމުން މަސައްކަތަކަށް އަލުން ނުކުމެ އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށާނެ ގޮތްތައް އެ މުއްދަތުގައި ނިންމާފައިވާކަމަށެވެ.
އޮގަސްޓު 19ވަނަ ދުވަހުން ފެށިގެން ދިނުމަށް ހަމަޖެހިފައިވާ ލުއިތަކުގައި ގިނަ ވިޔަފާރިތައް އަލުން ހުޅުވުމުގެ ފުރުޞަތު ލިބޭނެއެވެ. އޭގެ ތެރޭގައި ކެފޭތަކާއި ރެސްޓޯރަންޓުތަކުގެ އެތެރޭގައި ކާބޯތަކެތީގެ ޚިދުމަތްތައް ދިނުމާއި ދީނީ އެއްވުންތައް ބޭއްވުމުގެ ހުއްދަ ދޭނެއެވެ. ނަމަވެސް ދީނީ މަރުކަޒުތަކަށް ވަދެވޭނީ އެ ތަންތަނުގެ ޖާގައިގެ 30 އިންސައްތައަށެވެ. ރޯކް އިތުރަށް ވިދާޅުވީ ތަހުލީލުކުރުން އިތުރުކޮށް ބަލިޖެހިފައިވާ މީހުން ދެނެގަނެ އެމީހުން އެކަހެރިކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ނިންމާފައިވާކަމަށެވެ.