ޚަބަރު

ކޯވިޑް-19 : މިހާތަނަށް ޤައިދީއަކު ޕޮޒިޓިވްވެފައެއް ނުވޭ


މިހާތަނަށް އެއްވެސް ގައިދީއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ނުވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ކަރެކްޝަނަލް ސާވިސްއިން ވިދާޅުވީ އެ އިދާރާގެ އިތުރު އޮފިސަރަކު މިމަހުގެ 5ވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައި ވީނަމަވެސް އެ އޮފިސަރަކީ އެއްވެސް ގައިދީއަކާއި ކޮންޓެކްޓްވެފައިވާ މީހެއް ނޫން ކަމަށެވެ. ޕޮސިޓިވްވި އޮފިސަރާއި ކޮންޓެކްޓްވި މީހުން އެޗްޕީއޭގެ އިރުޝާދާއިއެކު ކަރަންޓީންކުރި ކަމަށާއި، އެމީހުންގެ ޙާލު ގާތުން މޮނިޓަރކުރަމުންދާއިރު، ބައެއް އޮފިސަރުން ކަރަންޓީން މުއްދަތު ފުރިހަމަކޮށްފައިވާ ކަމަށްވެސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.

ކަރެކްޝަންނަލް ސަރވިސް އިން ވިދާޅުވީ އެ އިދާރައިން ޖަލުގެ ކަންކަން ބެލެހެއްޓުމުގައި އަމަލުކުރަމުންދަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށެވެ.

މިދިޔަ ޖޫންމަހުވެސް ޖަލު އޮފިސަރަކު ކޯވިޑް19އަށް ޕޮސިޓިވްވެފައި ވެއެވެ. އެ އޮފިސަރު ޕޮސިޓިވްވެފައި ވަނީ މަގުމަތިން އެކްޓިވް ސާމްޕަލް ނަގައިގެން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓް ވެގެންނެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެބަލި ޖަލުތަކުގައި އުޅޭތޯ ދެނެގަތުމަށްޓަކައި މީގެ ކުރިން ވަނީ ކަރެކްޝަނަލް ސަރވިސްއިން ބަލަހައްޓާ ހުރިހާ ޖަލުތަކާއި، ޖަލު އޮފިސަރުންނާއި، މުވައްޒަފުންގެ ސާމްޕަލްތައް ނަގައި ބައްޔަށް ޓެސްޓޮކޮށްފައެވެ.

އެގޮތުން މާލެ ޖަލާއި ހުޅުމާލެ ޖަލުގެ އިތުރުން މާފުށީ ޖަލާއި، އައްސޭރިޖަލުން އޭރުނެގި ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ.