ޚަބަރު

ވިޔަފާރިތަކުން ކުނިއުކައިދޭ ގަޑިއަށް ވެމްކޯއިން ބަދަލުގެނައުމަށް ނިންމައިފި


ވިޔަފާރިތަކުން ކުނިއުކައިދޭ ގަޑިއަށް ވެމްކޯއިން ބަދަލުގެނައުމަށް ނިންމައިފިއެވެ.

ވެމްކޯއިން ވިދާޅުވީ މިހާރު ކޯވިޑް-19އާއި ގުޅިގެން ޢިއުލާންކޮށްފައިވާ ކަރފިއުގެ ވަގުތަށް ރިއާޔަތްކޮށް ވިޔަފާރިތަކުން ރޭގަނޑު19:00އާއި 21:30އާއި ދެމެދު ނެގުމަށް ނިންމާފައިވާކަމަށެވެ. އަދި މިބަދަލު ގެނައުމަށް ނިންމާފައި ވަނީ އަންނަ ހުކުރުދުވަހުން ފެށިގެންކަމަށް ވެމްކޯއިން ވިދާޅުވެއެވެ. ވެމްކޯއިން ވިދާޅުވީ ހުކުރު ދުވަހުގެ ފަހުން ރޭގަނޑު 21:30ގެ ފަހުން ކުނި ނެގުމުގެ މަސައްކަތް އެކުންފުނީގެ މުވައްޒަފުން ނުކުރާނެކަމަށެވެ. އެހެންކަމުން ކަނޑައެޅިފައިވާ ގަޑީގައި ކުނި ނެރެފައި ބެހެއްޓުމަށް ވެމްކޯއިން އިލްތިމާސްކުރައްވައެވެ.

ކޯވިޑް-19އާއި ގުޅިގެން ޢާއްމުން ގެއިން ބޭރަށް ނިކުތުން މަނާކުރުމާއެކު ވެމްކޯއިން ވަނީ ކުނި ނެގުމުގެ ގަޑިތަކަށް ބޮޑެތި ބަދަލުގެނެސްފައެވެ. އެގޮތުން ޢާއްމު ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް މިހާރު ކުރަނީ ކޮންމެ ދުވަހެއްގެ މެންދުރު 12އިން ފެށިގެން މެންދުރުފަހު 1400 ޖެހުމާހަމައަށެވެ. މިގަޑިތަކުގައި ޢިމާރާތުގެ ތިރިއަށް ކުނިބޭލުމުން ވެމްކޯގެ ޓީމުން ކުނި ނަގާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. އެހެންނަމަވެސް މޮނީޓަރިންގެ ޙާލަތަށް ގެނެވިފައިވާ ޢިމާރާތްތަކުން ކުނި ނެރެން ބޭރަށް ނުނިކުތުމަށް އެކުންފުނިން ވަނީ އެދިފައެވެ. އެފަދަ ތަންތަނަށް ކުނިބަލާ ދަނީ ވެމްކޯގެ އެކަމަށް ޚާއްސަ ޓީމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައިކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

މީގެ އިތުރުން މާލެ ހުޅުމާލޭގެ ވެމްކޯ ސައިޓަށްގޮސް ހެނދުނު 08:00އިން ރޭގަނޑު 00:00 އާއި ހަމައަށް ޚާއްސަ ހުއްދައަކާއި ނުލާ ކުނި އުކޭނެ ކަމަށްވެސް ވެމްކޯއިން ވިދާޅުވެއެވެ. އަދި ވިލިމާލޭ ސައިޓަށް ހެނދުނު 08:00 އިން ރޭގަނޑު 10:00އަށް ކުނި އުކޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށްވެސް ވެމްކޯއިން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ނުރައްކާތެރި މިދަނޑިވަޅުގައި ޢާއްމު ޚިދުމަތެއްގެ ގޮތުން ކުނި ނެގުމަށް ވެމްކޯގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްކާތެރިކަމާއި ސާފުތާހިރުކަން ނުގެއްލޭ ގޮތަށް ކުނި ޕެކްކޮށްފައި ބެހެއްޓުމަށް ޢާއްމުންގެ ކިބައިން ވެމްކޯއިން އެދެއެވެ.