ޚަބަރު

މުސްތަޤުބަލުގައި ޑިޖިޓަލް ސްކިލްސްއާ ގުޅޭ ވަޒީފާތައް އިތުރުވާނެ - ހަޔަރ އެޑިއުކޭޝަން މިނިސްޓަރ


ސަރުކާރުގެ ބައެއް ޚިދުމަތްތައް މިހާރުވެސް ޑިޖިޓަލްކޮށް ދެމުން ދިއުމާއެކު، މުސްތަޤުބަލުގައި ޑިޖިޓަލް ސްކިލްސްއާ ގުޅޭ ވަޒީފާތައް އިތުރުވަމުންދާނެކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

"ޕީ 3 ވަރލްޑް ކައުންސިލް"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ މިހާރުވެސް ސަރުކާރުން ފޯރުކޯށްދެމުންދާ ގިނަ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. ޑިޖިޓަލް ސްކިލްސްގެ ސަބަބުން ސިވިލް ސަރވިސްއާއި ޕްރައިވެޓް ސެކްޓަރގައިވެސް މުސްތަޤްބަލުގައި ޑިޖިޓަލް ސްކިލްސްއާ ގުޅޭ ވަޒީފާތައް އިތުރުވަމުންދާނެކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ސަރުކާރުގެ އިސްނެންގެވުމާއެކު ޑިޖިޓަލް ސްކިލްސްއަށް އޮތް ޑިމާންޑް ބޮޑުވެ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުދޭ އަމިއްލަ ފަރާތްތަކުންވެސް ޑިޖިޓަލް ސްކިލްސްއަށް އަހުލުވެރިކުރުވާ ތަމްރީނު ޕްރޮގްރާމްތައް ހިންގާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިސަރުކާރުގެ އެއް ވައުދުތެރޭގައި ހިމެނޭ ސްޓޭޓް އޮފް ދި އާޓް ޓިވެޓް މަރުކަޒުތަކެއް ދިވެހިރާއްޖޭގެ ތިން ސަރަހައްދެއްގައި ޤާއިމުކުރުން. މިމަސައްކަތުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއިއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމަށްވަނީ ރޭވިފައި. ޖޫނިއަރ ކޮލެޖް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޤާއިމުކުރުމުގެ މަސައްކަތުގައިވެސް ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއިއެކު މަސައްކަތްކުރުމަށް ވަނީ ނިންމާފައި." ހަޔރަ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނަކީ އެއް ހަމައެއްގައި ގިންތިކުރެވޭ ދެ ދާއިރާއަށް ހެދުމަށް މާސްޓަރ ޕްލޭނެއް ތައްޔާރު ކުރައްވަމުން ދާކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ މުޖުތަމައުގެ ނަޒަރުގައި ވޮކޭޝަނަލް ތަޢުލީމަކީ ޘާނަވީ ތަޢުލީމު ލިބިގެން ނުކުންނަ ކުދިންތަކުގެ ތެރެއިން ކިޔެވުމަށް ދަށް ކުދިން ޚިޔާރު ކުރާ ދާއިރާއަކަށް ވުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު ކަނޑައަޅެމުގެ އިތުރަށް މި ދާއިރާ ކުރިއެރުވުމަށްޓަކައި އަމިއްލަ ފަރާތްތަކުގެ ހިއްސާ ބޮޑުކުރުން ހިމެނޭކަން ފާހަގަކުރައްވާފައެވެ.

"ޒުވާނުން މިދާއިރާއަށް ޝައުޤުވެރިކުރުވުމަށް، ޒަމާނީ ކިޔަވައިދިނުމުގެ އުކުޅުތަކާއި، ކިޔެވުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރުމަކީ ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމު އުނގަންނައިދިނުމަށް ކުރެވިދާނެ ކަންތައްތައް." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވިދާޅުވިއެވެ.

މި ބަސްދީގަތުމުގައި ސަރުކާރުން މަތީ ތައުލީމުގެ ދާއިރާއިން ކުރިއަށް ރޭވިފައިހުރި މަޝްރޫއުތަކާއި، މަތީ ތައުލީމުގެ ތަސައްވުރާއި ބެހޭގޮތުންވެސް މިނިސްޓަރ ވާހަކަދެއްކެވިއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން މިދާއިރާގައި އިތުރު ކުރުމާއި މަތީ ތައުލީމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ދިމާވާ ގޮންޖެހުންތަކާއި އަދި މިދާއިރާއަށް އިންޤިލާބީ ހެޔޮބަދަލުތަކެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުންވެސް އަލިއަޅުވާލެއްވިއެވެ.

ޕީ 3 ވަރލްޑް ކައުންސިލަކީ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރުތަކާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއިއެކު ހިންގާ އެކި މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާއެކެވެ.