ޚަބަރު

ހެލްތު މިނިސްޓްރީ ހިންގެވުން މިނިސްޓަރ އަސްލަމާއި ހަވާލުކުރައްވައިފި


ހެލްތު މިނިސްޓްރީ ހިންގެވުން ވަގުތީގޮތުން، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި ހަވާލު ކުރައްވައިފިއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހް، ހެލްތު މިނިސްޓްރީ ހިންގެވުން މިނިސްޓަރ އަސްލަމާއި ވަގުތީގޮތުން ހަވާލު ކުރައްވާފައި މިވަނީ، ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން މިނިސްޓަރ އަމީން މަޤާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލަފުޅަށް އެކަހެރިވެ ވަޑައިގެންނެވުމަށް ފަހުގައެވެ.

އޮޑިޓް ރިޕޯޓުގައިވާ ކަންކަން ތަޙުޤީޤުކޮށް ނިމެންދެން އަމިއްލަފުޅަށް މަސައްކަތުން އެކަހެރިވެވަޑައިގެންނެވުމަށް ނިންމަވައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ފޮނުއްވާފައި ވަނީ އިއްޔެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ޙެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ
ހެލްތް މިނިސްޓްރީގެ ކޯވިޑް-19ގެ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާއިގުޅިގެން، ކަމާބެހޭ މުއައްސަސާތަކުން އެމައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ވަކި ގޮތެއް އަންގަވަންދެން، މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތުކުރައްވާ ކަމަށެވެ.

ކޯވިޑް-19އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވާގޮތުން ހެލްތު މިނިސްޓްރީން ވަނީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ވެންޓިލޭޓަރުގަތުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފައެވެ. އޭގެތެރެއިން 75 ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ދުބާއީގެ ކުންފުންޏަކާއެކު ކުރި މުޢާމަލާތާ ގުޅޭ ގިނަ މައްސަލަތަކެއް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.

މިކަމާއި ގުޅިގެން ސަރުކާރުންވަނީ ކޯވިޑް-19ގެ ހަލަތާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ސިއްޙީ ވަސީލަތްތައް ހޯދުމުގައި މަކަރާއި ޙީލަތް ހަދާފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވާތީ، އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ބަލައި ފަސްނުޖެހި ފިޔަވަޅު އަޅާނެކަން ހާމަކުރައްވާފައެވެ.

ހެލްތު މިނިސްޓްރީ ހިންގެވުން، އަސްލަމާއި ހަވާލުކޮށްފައި ވާއިރު، ހައުސިންގ މިނިސްޓަރ އައިމިނަތު އާތިފާ މަޤާމުން އިސްތިއުފާ ދެއްވުމުން ޕްލޭނިން މިނިސްޓްރީ އާއި ހައުސިންގ އެއްކޮލައްވައި، ހައުސިންގ މަސައްކަތްތައްވެސް ރައީސުލްޖުމުހޫރިއްޔާ ހަވާލު ކުރައްވާފައި ވަނީ، މިނިސްޓަރ އަސްލަމަށެވެ.