ކުޅިވަރު

ބާސެލޯނާގެ ކޯޗުކަން ކޫމަން އަށް ދެނީ


ބާސެލޯނާގެ ކޯޗުކަން ނެދަލޭންޑްސްގެ ކޯޗު ރޮނާލްޑް ކޫމަންއަށް ދިނުމާ ގާތަށް ހިނގައްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން ކޫމަން ވަނީ އޭނާ ދޫކޮށްލުމަށް ނެދަލޭންޑްސްގެ ފުޓްބޯޅް ފެޑަރޭޝަނުގައި އެދިފައެވެ. އަދި މިކަމާމެދު މަޝްވަރާކުރަން ބާސެލޯނާގެ ޓީމެއް ނެދަލޭންޑްސްއަށް ގޮސްފައިވާ ކަމަށް ވެސް ނޫސްތަކުން ބުނެއެވެ. އަނެއްކޮޅުން ކޫމަން މިހާރު ހުރީ ބާސެލޯނާގައެވެ.

ބާސެލޯނާގެ ކޯޗުކަން ހުސްވީ އެ މަގާމުގައި ހުރި ކީކޭ ސެޓިއެން މަގާމުން ވަކި ކުރުމުންނެވެ. އެންމެ ހަތް މަހަށް ފަހު ސެޓިއެން މަގާމުން ވަކިކުރީ މި ސީޒަނުގައި ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުމުންނެވެ. އަދި ޗެމްޕިއަންސް ލީގުން ކެޓިއިރު ނުކުތް ލަދުވެރި ނަތީޖާގެ ސަބަބުންނެވެ.

ބާސެލޯނާގެ ގާތް ފަރާތްތަކުން ބުނާ ގޮތުގައި ކޫމަންގެ އެސިސްޓެންޓަކަށް އަންނާނީ ހޮފެންހެއިމްގް ކުރީގެ ކޯޗު އަލްފްރެޑް ޝްރޫޑާއެވެ.

ބާސެލޯނާއިން ވަނީ އަންނަ ސީޒަނާމެދު ގޮތްތަކެއް ނިންމުމަށް ކުލަބުގެ ކުއްލި ބޯޑު ބައްދަލުވުމެއް އިއްޔެ ބާއްވައިފައެވެ. އަދި މާދަމާ ވެސް ބައްދަލުވުމެއް ބާއްވަންވަނީ ނިންމާފައެވެ. އިއްޔެ ބައްދަލުވުމުގައި ނިންމި ކަންތައްތައް އިއުލާނުކޮށްފައިނުވި ނަމަވެސް ކުޅުންތެރިންނަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ވަނީ ބެލިފައެވެ. އަދި އަންނަ އަހަރުގެ ޖޫން މަހުގެ ބާއްވާ އިންތިހާބުގެ އަވަސް ނުކުރުމަށް ވެސް ވަނީ ނިންމައިފައެވެ.