ދުނިޔެ

ސޫރިޔާގެ ރައްޔިތުންނަށް އެހީވުމުގައި ޤައުމުތައް ނާކާމިޔާބުވެފައި


ދާޚިލީ ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ ސޫރިޔާގެ ނިކަމެތި ރައްޔިތުންނަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ މުޖްތަމައު ނާކާމިޔާބުވެފައިވާ ކަމަށް އދ.ން ބުނެފިއެވެ. ސޫރިޔާގެ ހަނގުރާމައިގާ ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތަކާބެހޭގޮތުން ނެރުނު ތަހްގީގީ ރިޕޯޓެއްގައި އދ. ން ބުނެފައިވަނީ ސޫރިޔާގެ ރައްޔިތުންނަށް އިންސާނިއްޔަތުކަމާއި އޯގާތެރިކަމާއެކު އެހީތެރިވާނެ ފަރާތްތައް ބައިނަލްއަގްވާމީ މުޖްތަމަޢުން މިއަދު ފެންނަން ނެތްކަމަށެވެ.ސޫރިޔާގެ ދާޚިލީ ހަނގުރާމައަކީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ތެރެއިންވެސް އެންމެ އަނިޔާވެރި އެންމެ  ރަހުމުކުޑަ އަދި އެންމެ ލޭހޮރުވުންބޮޑު އެއްހަނގުރާމައެވެ. މިހަނގުރާމައިގެ ދެފަރާތް ކަމަށްވާ ސޫރިޔާ ސަރުކާރާއި އެސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާފަދަ ހަރުކަށި ޖަމާއަތްތަކުންވެސް ގެންދަނީ ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ބޮޑެތި އަނިޔާތަކާއި ބިރުވެރި ޖަރީމާތައް ހިންގަމުންނެވެ. މިޖަރީމާ ތަކުގެ ތެރޭގައި ރޭޕްކުރުމާއި، ވަގަށް ނެގުމާއި، ހައްޔަރުކުރެވޭ މީހުންގެ ބޮލާއި އަތްފައި ބުރިކޮށްގެންނާއި، ދަންޖައްސައިގެންނާ އަދި ތަޅައި އަނިޔާކޮށްގެން އެމީހުން މެރުމާއި މީހުން ވަގަށްނެގުން ފަދަ ބިރުވެރި ބޮޑެތި އަނިޔާތައް ހިމެނެއެވެ. މިޖަރީމާތައް ތަހްޤީޤުކުރި އދ.ގެ ކޮމިިޓީގެ ރައީސް ސަރްޖިޔޯ ޕިނޭރޯ ވިދާޅުވީ ސޫރިޔާގެ ދާޚިލީ ހަނގުރާމައަށްވެސް އަދި އެހަނގުރާމައިގާ ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާތަކަށްެވެސް ކައިރި މުސްތަގްބަލެއްގައި ނިމުމެއްނެތް ކަމަށެވެ. ސޫރިޔާގެ ހަނގުރާމައިގާ ރައީސް ބައްޝާރުގެ ސަރުކާރަށް ވާގިވެރިވާ ފަރާތްތަކާއި އދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަށް ވާގިވެރިވާ ފަރާތްތައްވެސް ތިބީ އެގޮތުގައި ކަމަށާ އެހެންކަމުން ސޫރިޔާގެ ހަނގުރާމައިގާ އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެ އެއްބަޔަކު ބަލިކޮށްލުމަކީ އަނެއްބަޔަކަށް ކުރެވޭނެ ކަމެއްނޫންކަމަށް އދ. ގެ ރިޕޯޓް ބުނެއެވެ. ސޫރިޔާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހި ރެފިއުޖީންގެ ގޮތުގައި ގައުމުން ބޭރުވަމުންދާ ގިނަ ރައްޔިތުން ވަގުތީގޮތުން ދިރިއުޅެމުންދަނީ އަވަށްޓެރި ތުރުކީއާއި އުރުދުންއާއި ލުބްނާންގައެވެ. މިތިން ގައުމުގައި ސޫރިޔާގެ ހަތަރު މިލިޔަނެއްހާ ރެފިއުޖީން ވަގުތީ ފޭލިގެތަކުގައި ދިރިއުޅެމުން ގެންދާއިރު ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި ސޫރިޔާގެ ރެފިއުޖީންގެ އެތަށްހާސްބަޔަކުވަނީ ވިލާތުގެ ބައްރާ ދިމާއަށްވެސް މިސްރާބު ޖަހާފައެވެ. އދ. ގެ ރިޕޯޓް ބުނާގޮތުން ސޫރިޔާގެ ރެފިއުޖީން ކަނޑު ހުރަސްކޮށް ކުދިކުދި ބޯޓުތަކުގައި ވިލާތަށްކުރާ ދަތުރުތަކުގައި އެބޯޓުތައް ކަނޑަށް ޣަރަގުވެގެން ދެހާހަށްވުރެ ގިނަ ސޫރިޔާގެ ރައްޔިތުންވަނީ މަރުވެފައެވެ. އަދި ސަލާމަތުން ވިލާތަށް ދެވޭ ސޫރިޔާގެ ރެފިއުޖީންނަށް ވިލާތުގެ ގިނަގައުމުތައް އެގައުމުތަކުގެ ދޮރުތައް ބަންދުކުރަމުންދާތީ އެމީހުންގެ މުސްތްގަބަލްވެސްވަނީ ނޭންގުމެއްގެ ތެރޭގައިކަން އދ. ގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ގޮތްހުސްވެފައިވާ ސޫރިޔާގެ ރެފިއުޖީން ކަނޑު ހުރަސްކޮށް ޔޫރަޕަށް ކުރާ ދަތުރުތަކުގައި ކަނޑަށް ޣަރަގުވެގެން މަރުވެފައިވާ ސޫރިޔާގެ ތުއްތު ކުއްޖެއްގެ ހަށިގަނޑު  ރާޅުތަކާއެކު ތުރުކީގެ އައްސޭރިފަށަށް މިދިޔަ ބުދަދުވަހު ލެއްގުމާ ގުޅިގެން ދުނިޔޭގެ އިންސާނީ ޒަމީރުވަނީ ގުޑުވާލާފައެވެ. މި ތުއްތު ކުއްޖާގެ މަރުވެފައިވާ ހަށިގަނޑާއެކު ސޫރިޔާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާގެ ބޮޑުކަމާއި އިންސާނީ ގިލަންވެރިކަމުގެ ވޭނާއި އިޙްސާސްތައްވެސް ވަނީ އަލުން ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.