ކުޅިވަރު

އެމްބާޕޭ ފިޓްވެއްޖެ، ނޭމާ އަކީ ލީޑަރެއް: ޓުޗެލް


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޖަރުމަނުގެ ލިޕްޒިގްއާ ދެކޮޅަށް ފްރާންސްގެ ޕީއެސްޖީގެ ފޯވަޑް ކިލިއަން އެމްބާޕޭ ކުޅޭނެ ކަމަށް އެކުލަބުން ބުނެފިއެވެ.

ކޯޗު ތޯމަސް ޓުޗެލް ބުނީ އެންމެ ފަހުން ކުޅުނު މެޗުގައި އެމްބާޕޭ ފުރަތަމަ 11އިން ނުފެނުނީ އަނިޔާގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ މެޗުގެ ފަހު 30 މިނިޓްގައި އޭނާ ކުޅުނީ މުޅިން ފިޓްނުވެ ހުރެ ކަމަށެވެ. ނަމަވެސް މިރޭގެ މެޗަށް އެމްބާޕޭ ހުރީ މުޅިން ފިޓްކޮށް ކަމަށާއި އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ޓުޗެލް ބުނީ އެމްބާޕޭއާއެކު ކުރިއަށް ކުޅޭނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ބްރެޒިލްގެ ނޭމާ ކަމަށެވެ. އަދި ނޭމާ އަކީ ހުރިހާ ގޮތަކުން ވެސް ލީޑަރެއް ކަމަށެވެ.

"އަހަރެން މި ޓީމަށް އައިއިރު ވެސް އޭނާ އަކީ ލީޑަރެއް. އޭނާ އަކީ މުޅިން ތަފާތު ލީޑަރެއް. މޮޅުވާން އޭނާ ބޭނުންވޭ. ގަދަ އަޅައި މަސައްކަތްކުރޭ. އަދި ވަރަށް އަޒުމް ވަރުގަދަ. މިކަންކަމުގެ ސަބަބުން އޭނާގެ ލީޑަރޝިޕަކީ އެހެން ލީޑަރުންނާ ތަފާތު އެއްޗެއް،" ޓުޗެލް ބުންޏެވެ.

އޭނާ އަދި ބުނީ ކުރިއަށް ކުޅޭ މޮޅު އެހެން ކުޅުންތެރިންތަކެއް ވެސް ޓީމުގައި ތިބުމުން މެޗުގައި ފަހަތަށް ބެލުމެއްނެތިދާނީ ކުރިއަށް ކަމަށެވެ.

ލިޕްޒިގްގެ ކޯޗަކީ ނާގަލްސްމަންއެވެ. ޒުވާން ކޯޗަކީ ޓުޗެލްއާއެކު ޖަރުމަނުގެ އޮގްސްބާގްގައި 12 އަހަރު ހޭދަކޮށްފައިވާ ރަހުމަތެރިންނެވެ.

ނާގަލްސްމަން ބުނީ ޕީއެސްޖީގެ ފޯވަޑުން ހުއްޓުވަން ޓީމެއްގެ ގޮތުގައި ޑިފެންސް ކުރަންޖެހޭ ކަމަށެވެ.