ކުޅިވަރު

ޔޫރޮޕާ ލީގު: އިންޓަ މިލާން ފައިނަލަށް


ޔޫރޮޕާ ލީގުގެ ފައިނަލުން އިޓަލީގެ އިންޓަ މިލާން ޖާގަ ހޯދައިފިއެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި ސްޕޭނުގެ ސެވިއްޔާއާ ދެކޮޅަށް ނުކުތުމުގެ ފުރުސަތު އިންޓަ މިލާން ހޯދީ ސެމީ ފައިނަލުގައި ރޭ ޝަހުތަރު ޑޮނެސްކް 5-0 އިން ބަލިކުރުމަށްފަހުއެވެ. ސެވިއްޔާ ފައިނަލަށް ދިޔައީ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.

ރޭގެ މެޗުގައި އިންޓައަށް ލަނޑު ޖަހައިދިނީ ރޮމެލޫ ލުކާކޫ އާއި ލައުޓާރޯ މާޓިނޭޒް އަދި ޑެނީލޯ އެމްބްރެސިއޯއެވެ. މީގެ ތެރެއިން ލައުޓާރޯ އާއި ލުކާކޫކުރެ ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ.

އިންޓަ މިލާނުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ މެޗަށް ފަހު ބުނީ ރޭގެ މެޗު ކާމިޔާބުކުރުމަށް ވެސް އޭނާގެ ޓީމުން ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ. އަދި ފައިނަލުގައި ވާދަކުރަންޖެހޭ ސެވިއްޔާ އަކީ ވެސް މޮޅު ޓީމެއް ކަމަށެވެ.

"އަހަރުމެން ބޭނުންވީ ފައިނަލުގައި ވަރުގަދަ ޓީމަކާ ކުޅެން. ސެވިއްޔާ އަކީ ވަރުގަދަ އަދި މި މުބާރާތުގައި ކާމިޔާބު ޓީމެއް. މި މުބާރާތުގެ މި ހިސާބަށް ދަތުރުކުރެވުމަކީ އަހަންނާއި ޓީމުގެ ކުޅުންތެރިންނަށް ވެސް ލިބުނު ހިތްހަމަޖެހުމެއް. އެކަމަކު ފައިނަލް މެޗުން ތަށި ހާސިލްކުރުމަކީ އިންޓަމިލާނަށް މިހާރު ކުރަންޖެހިފައި އޮތް އެންމެ މުހިންމު ކަންތައް،" ކޮންޓޭ ބުންޏެވެ.

އިޓާލިއަން ލީގުގެ ދެ ވަނަ ހޯދި އިންޓަ މިލާނުން ދަނީ މި ތަށި ލިބުނަސް ނުލިބުނަސް އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. މި ގޮތުން އެ ޓީމުގެ ކުރީގެ ވެރިން ވަނީ ބާސެލޯނާ އަޑިއަޅާލާފައި އޮތުމުގެ ފައިދާ ނަގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިޔޮނަލް މެސީ ގެނައުމަށް ވެސް ގޮވާލަމުންނެވެ.