ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކުށް ސާބިތުވެ، ހ ލޮބީ ހުސެއިން ހުމާމް މެރުމަށް ދަށުކޯޓުން ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް މައްސަލަ ނިންމާ ހުކުމްކުރުން އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފިއެވެ. އަފްރާޝިމް އަވަހާރަކޮށްލި މައްސަލާގައި މަރަށް މަރުހިފުމަށް ކުރިމިނަލްކޯޓުން ހުމާމްގެ މައްޗަށް ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ.ދަށުކޯޓްގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ހުމާމްގެ ފަރާތުން ހައިކޯޓަށް ހުށައެޅި އިސްތިއުނާފް މައްސަލަ ނިންމާ އަންނަ ހޯމަ ދުވަހު ހުކުމްކުރުމަށް ތާވަލްކޮށްފައިވާއިރު މިމައްސަލައިގެ އެކި ހިސާބުގައި ތަފާތު އެކި ގޮތްގޮތަށް ހުމާމް ވާހަކަ ދައްކާފައިވެއެވެ.ޑރ އަފްރާޝިމް އަވަހާރަކޮށްލި ކަމަށް ދަށުކޯޓްގައި ހުމާމް ފުރަތަމަ އެއްބަސްވުމަށްފަހު ފަހުން ވަނީ އެކަމަށް އިންކާރްކޮށްފައެވެ. ފަހުން ހުމާމް ބުނަމުން އައިސްފައިވަނީ އަފްރާޝިމް އަވަހާރަކޮށްލިކަމަށް އެއްބަސްވެފައިވަނީ ފުލުހުން ބިރު ދައްކައިގެންކަމަށެވެ.މި މައްސަލަ ދަށުކޯޓްގައި ކުރިޔަށް ދިޔައިރު ދަށުކޯޓްގައި ހެކިބަސްދިން މީހުން ހެކިބަސްދީފައިވަނީވެސް ހުމާމްއާއި ދެކޮޅަށެވެ. ހުމާމްގެ ނަފްސާނީ މައްސަލައެއް ހުރިކަމަށް ބުނެ ކޯޓްގައި ވާހަކަ ދައްކާފައިވާތީ ހައިކޯޓްގައި ކުރިޔަށްދިޔަ އިސްތިއުނާފް މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުން އެކަމާއި ގުޅިގެން ހުމާމްއާއި ގިނަ ސުވާލްތަކެއް ކުރިމަތިކުރުވައިފައިވެއެވެ.