ޚަބަރު

ކޯވިޑް-19 : އިންޑިއާއަށް ދަތުރުކުރާ އެސްޓީއޯގެ ބޯޓެއްގައި މަސައްކަތްކުރާ ދިވެއްސަކު ޕޮޒިޓިވްވެއްޖެ


އިންޑިއާއާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ ބޯޓެއްގައި މަސައްކަތްކުރާ ދިވެއްސަކު ކޯވިޑް-19އަށް ޕޮސިޓިވްވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ ޕޮސިޓީވްވެފައިވަނީ ބޯޓްގައި މަސައްކަތްކުރަ ދިވެހި ފިރިހެނެއްކަމަށެވެ.

މިއަދުވަނީ ހުވަދު އަތޮޅު އުތުރު ބުރީގައި ހިންގަމުން އަންނަ ޕަރކް ހަޔާތް މޯލްޑިވްސް ހަނޑަހާ ރިސޯޓުންވެސް 2 މީހުން ކޯވިޑް 19އަށް ޕޮޒިޓިވްވެފައެވެ. ޕޮސިޓިވްވެފައިވަނީ އެ ރިސޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ދެމީހުންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވިދާޅުވެއެވެ. މިއީ އެ ރިސޯޓުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ބަޔަކު ފެނުނު ފުރަތަމަ ފަހަރެވެ.

ތ މަޑިފުށިންވެސް މިއަދުވަނީ ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ. މަޑިފުށީ ކައުންސިލުން ވިދާޅުވީ، އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާއަކީ، 02 އޮގަސްޓްގައި މާލެއިން މަޑިފުއްޓަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަން އެނގިފައިވަނީ، ފުރަބަންދު ކަރަންޓީންގެ 14 ދުވަސް ހަމަވުމުން އިއްޔެ ސާމްޕަލްނަގައި ޓެސްޓް ކުރުމުންނެވެ.

ފުރަބަންދު ކަރަންޓީންގައި ހުރި މީހަކު މަޑިފުށިން ޕޮޒިޓިވްވުމާއި ގުޅިގެން، އެރަށަށް އަރައިފޭބުން މިހާރުވަނީ ވަގުތީގޮތުން މަނާކޮށްފައި ކަމަށް މަޑިފުށީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. މިއީ، ތ އަތޮޅުގެ ރަށަކުން ފެނުނު ކޯވިޑް-19ގެ ފުރަތަމަ ކޭސްއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ 18 ރަށަކާއި 12 ރިސޯޓަކުން ކޯވިޑް-19 ޖެހިފައިވާ މީހުން ވަނީ ފެނިފައެވެ. ރާއްޖޭގައި މިހާރުވެސް 2389 މީހަކަށް ދަނީ ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންނެވެ.