ޚަބަރު

ރިޟުވާނާއި ޔާމީނުގެ އާއިލާއިން ޖަމިއްޔާއެއް ރަޖިސްޓްރީކޮށްފި


ވަގަށް ނަގައި މަރާލި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާނު އަބުދުﷲ އާއި، ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައިވާ ބުލޮގަރު ޔާމީން ރަޝީދުގެ އާއިލާއިން ޖަމިއްޔާއެއް ރަޖިސްޓްރީކޮށްފިއެވެ.

މިއަދު ރަޖިސްޓްރީކުރި، މިޖަމިއްޔާގެ ނަމަކީ، އެސޯސިއޭޝަން ފޯރ ޑިމޮކްރަސީ އިން ދަ މޯލްޑިވުސްއެވެ. ޖަމިއްޔާ ރަޖިސްޓްރީކޮށްދެއްވުމަށްފަހު، ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފު ވަނީ، އެޖަމިއްޔާގެ ރަޖިސްޓްރީ، ރިޟުވާނުގެ ދައްތަ ފާޠިމަތު ޝެހެނާޒާއި ހަވާލުކޮށްދެއްވާފައެވެ.

ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ރިޟުވާނުގެ ދައްތަ ފާޠިމަތު ޝެހެނާޒު ބުނީ، ޖަމިއްޔާ އުފެއްދުމުގެ ބޭނުމަކީ، ރިޟުވާނާއި ޔާމީން އަދި އެނޫންވެސް އިންސާފު ނުލިބިފައިވާ ފަރާތްތަކުގެ ހައްޤުގައި އަޑު އުފުލުމާއި ރާއްޖޭގެ ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރުން ކަމަށެވެ. އަދި ޖަމިއްޔާގެ އާއްމު ބައްދަލުވުން ބާއްވައި، ވަރަށް އަވަހަށް ހިންގާ ކޮމިޓީ އެކުލަވާލެވޭނެ ކަމަށާއި އެޖަމިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުޞަތު ދިވެހި ކޮންމެ ރައްޔިތަކަށްވެސް އޮންނާނެ ކަމުގައި ޝެހެނާޒު ބުންޏެވެ.

މިއަދު ރަޖިސްޓްރީ ކުރި އެސޯސިއޭޝަން ފޯރ ޑިމޮކްރަސީ އިން ދަ މޯލްޑިވުސް، ގެ އިދާރާއަކީ، މ ޝައިނިންގ ސްޓަރއެވެ.