ތ މަޑިފުށީގައި ފުރަބަންދު ކަރަންޓީންގައި ހުރި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މަޑިފުށީ ކައުންސިލުން ވިދާޅުވީ، އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާއަކީ، 02 އޮގަސްޓްގައި މާލެއިން މަޑިފުއްޓަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަން އެނގިފައިވަނީ، ފުރަބަންދު ކަރަންޓީންގެ 14 ދުވަސް ހަމަވުމުން އިއްޔެ ސާމްޕަލްނަގައި ޓެސްޓް ކުރުމުންނެވެ.
ފުރަބަންދު ކަރަންޓީންގައި ހުރި މީހަކު މަޑިފުށިން ޕޮޒިޓިވްވުމާއި ގުޅިގެން، އެރަށަށް އަރައިފޭބުން މިހާރުވަނީ ވަގުތީގޮތުން މަނާކޮށްފައި ކަމަށް މަޑިފުށީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މިއީ، ތ އަތޮޅުގެ ރަށަކުން ފެނުނު ކޯވިޑް-19ގެ ފުރަތަމަ ކޭސްއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ 15 ރަށެއްގައި ކޯވިޑް-19އަށް ޕޮޒިޓިވް މީހުން އެބަތިއްބެވެ.