ޚަބަރު

600 އަކަފޫޓަށްވުރެ ކުދިތަންކޮޅުގައި 17،000 އާއިލާ އުޅޭ - އަސްލަމް


މާލޭގައި 600 އަކަފޫޓަށްވުރެ ކުދިތަންތަންކޮޅުގައި އުޅެމުންދާ 17،000 އާއިލާ އެބަތިބިކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ އެކަށީގެން ނުވާވަރުގެ ބޯހިޔާވަހިކަމެއްކަމަށް ބަލާ 600 އަކަފޫޓަށްވުރެ ކުދި ތަންތަންކޮޅުގައި އުޅޭ 17،073 އާއިލާއެއް އެބަތިބިކަމަށެވެ. އޭގެ ތެރެއިން 11،951 އާއިލާއަކީ އެހެން އަތޮޅުތަކުން ހިޖުރަކޮށް ދަފްތަރު ނުވެ ބޯހިޔާވަހިކަން ލިބޭނެ ގޮތެއް އަދި ނެތް އާއިލާތަކެއް ކަމަށް މިނސްޓަރ އަސްލަމް ވިދާޅުވިއެވެ.

"މާލޭގެ 70 އިންސައްތަ އާބާދީއަކީ އަތޮޅުތަކުން އައިސް ދަފްތަރު ނުވެ ތިބި މީހުން. އަޅުގަނޑުމެން ހައުސިންގް ނީޑް އެސެސްމެޓް ހަދާފައި ވާނީ. މިހާރު ރެޖިސްޓްރީކުރެވިފައިވާ ބިންތަކުގެ ތެރެއިން 600 އަކަފޫޓަށްވުރެ ކުޑަތަންކޮޅެއްގައި އިމާރާތްކޮށް ދިރިއުޅެމުންދާ ކޮންމެ އާއިލާއަކީ އެއީ އެޑެކުއޭޓްކޮށް ދިރިއުޅެވޭނެ ތަނެއްކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. މިފަދަ 600 އަކަފޫޓަށްވުރެ ކުޑަތަންކޮޅެއްގައި އުޅޭ 17،073 އާއިލާއެއް އުޅެމުންދާކަމަށް އަޅުގަނޑުމެންނަށް ފާހަގަވޭ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އެ އާއިލާތަކުގެ ތެރޭގައި ސަރުކާރުން ކައުންސިލް ހައުސިންގ ހަމަޖައްސައިދޭންޖެހޭ އާއިލާތައްވެސް އެބަތިބި ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ކުރިޔަށްދާ ބޯހިޔާވަކިކަމުގެ މަޝްރޫއުތަކުގެ ތަފްސީލުތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމްވަނީ މިހާރު ކުރިޔަށްދާ ހައުސިން މަޝްރޫއަތަކާއި ގުޅޭ ތަފްސީލުތައް ހާމަކުރައްވާފައެވެ.

އެގޮތުން ކައުންސިލް ހައުސިން ބޭނުންވާ 1336 މާލޭ ރައްޔިތުން ތިބިއިރު މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ 3137 މީހަކު ކައުންސިލް ހައުސިން ބޭނުންވާ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަދި އެފޯޑަބަލް ހައުސިން ބޭނުންވާ 2138 މާލޭ މީހަކު ތިބި އިރު މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ 2916 މީހަކަށް އެފޯޑަބަލް ހައުސިންގް ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މެދު ފަންތީގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެގޮތެއް މިވަގުތު ނެތްކަމަށާއި، މިކަމަކީ މިހާރު ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްކަމަށް މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. މާލެއަށް ހިޖުރަކޮށްފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ކޮންމެހެން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ގޮތެއްވެސް ނިންމަން ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.