އޮސްޓުރޭލިއާގެ ސިޑުނީއަށް ދަތުރުކުރި ކުރޫޒު ބޯޓެއްގައި ކޯވިޑް-19 ޖެހިފައި ތިބި ފަސިންޖަރުން އެއްގަމަށް ފޭބުމުގެ ޙުއްދަ ދެވުނުކަމަށްޓަކައި ނިއު ސައުތު ވޭލްސް ސްޓޭޓުގެ ޕުރެމިއަރ، ގުލޭޑީސް ބެރެޖިކްލިއަން ޢާންމުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފިއެވެ.
ގުލޭޑީސް ޢާންމުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައި މިވަނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 ޖެހިގެން އޮސްޓުރޭލިއާގައި ރެކޯޑު ޢަދަދަކަށް މީހުން މަރުވެފައިވަނިކޮށެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 ޖެހިގެން 25 މީހުން އޮސްޓުރޭލިއާގައި ވަނީ މަރުވެފައެވެ. އެއީ މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން އެ ޤައުމުގައި މަރުވި ޢަދަދެވެ.
މާރިޗު މަހުގައި ސިޑުނީއަށް ދަތުރުކުރި ރޫބީ ޕުރިންސަސް ނަމަކަށް ކިޔާ ކުރޫޒް ލައިނާއަކުން ފޭބި 2،700 މީހުންގެ ތެރެއިން 120 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެ މައްސަލައާ ގުޅޭގޮތުން ކުރި ތަހުޤީޤުން އެނގިފައިވަނީ ބޯޓުން ފޭބި މީހުންގެ ޒަރިއްޔާއިން 914 މީހުންނަށް ކޯވިޑް-19 ޖެހި 28 މީހުން މަރުވެފައިވާކަން ހާމަވެފައެވެ.
އެ ބޯޓުގެ ކަންކަން ބެލެހެއްޓުމުގައި ނިއު ސައުތު ވޭލްސްގެ ޞިއްޙަތާބެހޭ އިސްވެރިން ފަރުވާކުޑަކޮށްފައިވާކަމަށް ތަހުޤީޤަށްވަނީ ފާހަގަވެފައެވެ. އަދި އެއްގަމަށް ދިޔުމުގެ ޙުއްދަ ދިނުމުގެ ކުރިން ބަލި މީހުން ތަހުލީލުކޮށް އަވަސް ނަތީޖާއެއް ހޯދާފައިނުވާކަމަށްވެސްވަނީ ފާހަގަކޮށްފައެވެ.
އޮސްޓުރޭލިއާގައި މިހާތަނަށް 23،500 މީހުންނަށް ކޯވިޑް-19 ޖެހި 421 މީހުންވަނީ މަރުވެފައެވެ. މި މަހުގެ ކުރީކޮޅު ދުވާލެއްގެ މައްޗަށް 700 މީހުންނަށް އެ ޤައުމުގެ ވިކްޓޯރިއާ ސްޓޭޓުގައި ދިއައީ ބަލިޖެހެމުންނެވެ. ނަމަވެސް އެ ޢަދަދު ދަށަށްގޮސް ފާއިތުވި ދެ ތިން ދުވަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އޮތީ އެއް މިނެއްގައި ހިފެހެއްޓިފައެވެ. އޮގަސްޓު މަހުގެ 16ވަނަ ދުވަހު އެ ސްޓޭޓުގައި ބަލިޖެހުނީ 279 މީހުންނަށެވެ. އެހެންކަމުން ބަލިފެތުރުން ހުއްޓުވުމަށް އެ ސްޓޭޓުގައި އަޅާފައިވާ ފިޔަވަޅުތައް ކާމިޔާބުކަމަށްވަނީ ބެލެވިފައެވެ.