ދުނިޔޭގެ ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން ދުބާއީއަށް ދުވާލަކު 20 ހާސް ފަތުރުވެރިން


ބޯޑަރު ހުޅުވާލިފަހުން ފަތުރުވެރިން ވަރަށް ބޮޑަށް އިތުރުވާން ފަށާފައިވާކަމަށް ދުބާއީން ހާމަކޮށްފިއެވެ.

ދުބާއީގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަމަހުގެ 7 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން، ފަތުރުވެރިން އަންނަ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް ވިއްސަކަށް ހާސް މީހުން ދުބާއީއަށް އެތެރެވަމުންދާކަމަށް ދުބާއީގެ އޮފިޝަލުން ވިދާޅުވެއެވެ.

ދުބާއީގެ އޮފިޝަލުން މަޢުލޫމާތުދޭ ގޮތުގައި ދުބާއީއަށް ފަތުރުވެރިންނަށް އަންނަ އަދަދު އިތުރުވަމުންދަނީ އެޤައުމުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އަދި އެއަރޕޯޓުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފަސިންޖަރުން އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިންނަށް ވަރަށް ބޮޑަށް ފަސޭޙަވަމުންދާކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ދުބާއީން އަޅާފައިވާ ފިޔަވަޅުތައް ބެލުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ވަނީ އެ ސިޓީއަށް ޒިޔާރަތްކޮށްފައެވެ. އަދި ދުބާއީން އަޅާފައިވާ ފިޔަވަޅުތަކާމެދު އެފަރާތްތަކުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ދުބާއީގެ ކަމާބެހޭ އޮފިޝަލުން ލަފާކުރާ ގޮތުގައި މިދިޔަ އަހަރުގެ ޕީކް ސީޒަންގައި ފަތުރުވެރިން ޒިޔާރަތްކުރި އަދަދާ އެއްވަރަށް ކުރިއަށްއޮތް ނޮވެމްބަރުމަހާ ހަމައަށްދާއިރު ފަތުރުވެރިން އަންނަން ފަށާނެއެވެ.

ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ދުބާއީއަކީ އަހަރަކު އެތައް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާ ސިޓީއެކެވެ. އަދި މިއަހަރު 20 މިލިއަން ފަތުރުވެރިން އެޤައުމަށް ޒިޔާރަތްކުރާނެކަމަށް އެޤައުމުގެ އޮފިޝަލުން ވަނީ އަންދާޒާކޮށްފައެވެ. ނަމަވެސް ކޯވިޑްއާ ގުޅިގެން މިއަދަދުތަކަށް ބަދަލު އަންނާނެކަމަށް ލަފާކުރެވެއެވެ.