ޚަބަރު

އާޤާނޫނުލްއުޤޫބާތަށް ގެނައި ފުރަތަމައިޞްލާޙު ތަސްދީޤުކުރައްވައިފި


އިސްލާމީ
ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް އެއްވެސް ޝައްކެއް ނެތް މިންވަރަށް
ސާބިތުވެއްޖެނަމަ އިސްލާމީ ޝަރީއަތުގައި އެ ކުށަށް އޮންނަ އަދަބު ދިނުމަށް
އާޤާނޫނުލްއުޤޫބާތައް ގެނައި ފުރަތަމަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ
ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަސްދީގުކުރައްވައިފިއެވެ. ޖުލައި މަހުގެ 16 އިން
ފެށިގެން އަމަލުކުރަމުން އަންނަ ޤާނޫނުލްއުޤޫބާތަށް ފުރަތަމަ ފަހަރަށް ސަރުކާރުގެ
ފަރާތުން ހުށައެޅި އިސްލާހު ފާސްކޮށްފައިވަނީ މިދިޔަ އޮގަސްޓުމަހުގެ ހަތާވީސް ވަނަ
ދުވަހުއެވެ.



ރައީސް
މިއަދު ތަސްދީގުކުރެއްވި މިބިލުގައި ބުނެފައިވަނީ،  އިސްލާމީ ޝަރީއަތުގައި ބުނާ ހައްދުގެ އަދަބު
ތަންފީޒު ކުރަން ޖެހޭނީ އެ މައްސަލައެއްގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމަށް
ފަހު އެ އަދަބު ދޭން ސުޕްރީމް ކޯޓުން ހުކުމް ކުރުމުންކަމަށެވެ. އަދި ހައްދުގެ އަދަބަކާ މެދު ގޮތެއް ނިންމުމަށް އިސްލާމީ
ޝަރީޢަތުގައި ކަނޑައަޅާފައިވާ އިމުގެ ތެރެއިން، ރައީސުލްޖުމްހޫރިިއްޔާއަށް ލިބިދޭ
އިޚްތިޔާރު ބޭނުންކުރެވޭ ގޮތަށްވެސް މިއަދު ތަސްދީގު ކުރެއްވި ބިލުގައި
ބުނެފައިވެއެވެ. 

މީގެއިތުރުން ޤާނޫނުލްއުޤޫބާތުގައި އޮންނަ ފައިސާގެ އަދަދުތައް
ކޮންމެ ހަތަރު އަހަރުން އެއް އަހަރު މަޖިލީހުން މުރާޖަޢާކުރަން ޖެހޭގޮތަށް އެޤާނޫނުގައި ކުރިން އޮތްނަމަވެސް، ކޮންމެ ފަސް އަހަރުން އެއް އަހަރު މުރާޖަޢާކުރަން
ޖެހޭ ގޮތަށް މިއަދު ތަސްދީގުކުރެއްވި ބިލުގައި ކަނޑައަޅާފައިވެއެވެ. މި ބިލް ތަސްދީޤު ކުރެއްވުމާއި ގުޅިގެން މިހާރުވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރައްވާފައެވެ.