ދުނިޔޭގެ ވިޔަފާރި

އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ މަޝްވަރާތައް ފަސްކޮށްފި


އެމެރިކާއާއި ޗައިނާއާ ދެމެދު ކުރިއަށްގެންދަން ތާވަލްކުރި ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފަސްކޮށްފިއެވެ.

ޚަބަރުތައް ބުނާގޮތުން އެމެރިކާއާއި ޗައިނާއާ ދެމެދު ކުރިއަށްގެންދާ ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް މިދިޔަ ހޮނިހިރު ދުވަހު ބޭއްވުމަށް އޮތީ ތާވަލްކޮށްފައެވެ. ނަމަވެސް މިހާރު އެއްވެސް މުއްދަތެއް ނެތް ގޮތަށް މަޝްވަރާތައް ފަސްކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

މިމަޝްވަރާތަކަކީ ޗައިނާއާއި އެމެރިކާއާ ދެމެދު ޤާއިމްކުރި "ފުރަތަމަ މަރުހަލާގެ ވިޔަފާރި އެއްބަސްވުމުގެ" ދަށުން މަސައްކަތް ކުރިއަށްދިޔަ ގޮތް މުރާޖަޢާކުރުމަށް ތާވަލްކުރި މަޝްވަރާ ބައްދަލުވުމެކެވެ.

މަޝްވަރާ ބައްދަލުވުން ފަސްކޮށްފައިވާއިރު، މިމަޝްވަރާގައި ބައިވެރިވުމަށް ހަމަޖެހިފައި އޮތީ، ޗައިނާގެ ވައިސް ޕްރިމިއަރ އާއި އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްއާއި އެމެރިކާގެ މާލީ ވަޒީރެވެ. ނަމަވެސް މަޝްވަރާތަކާއި ގުޅޭގޮތުން ދެ ޤައުމުންވެސް ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ.

އެމެރިކާއާއި ޗައިނާގެ ގުޅުން ގޯސްވެފައިވިޔަސް، ވިޔަފާރީގެ މަޝްވަރާތަކަށް އެކަމުގެ ސަބަބުން އަސަރެއް ނުކުރާނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމަޕްގެ އިޤްތިޞާދީ މުޝީރު ލެރީ ކުޑްލޯ ވަނީ ބުރާސްފަތިދުވަހު ވިދާޅުވެފައެވެ.