ކުޅިވަރު

ބިލިއާޑް ކުޅުމަށް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ގާއިމްކުރަނީ


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އަށް ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ތަރައްގީ ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމަޕަވަރމަންޓް އަޙުމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޯލްޑިވްސް ޕޫލް އަދި ބިލިއާޑް އޭސޯސިއޭޝަނާއެކު ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މި ފެސިލިޓީގެ މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް ވިދާޅުވީ މި ފެސިލިޓީއާއެކު ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމުގެ ގާބިލުކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެ ފެސިލިޓީގެ މަސައްކަތް ނިމުމާއެކު ބިލިއާޑް ވޯރލްޑް ޗެމްޕިއަންޝިޕް ބޭއްވުމަށް ރާއްޖެއިން ބިޑް ކުރެވޭނެ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މި މަސައްކަތް ކުރިޔަށް ގެންދިޔުމުގައި ބިލިއާޑް އެސޯސިއޭޝަންގެ ރައީސް އަދި އެ އެސޯސިއޭޝަންގެ އެކްސްކޯއިން ދެމުންދާ އެހީތެރިކަމަށް މިނިސްޓަރ މަހްލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގައި ބިލިއާޑް ކުރިއެރުވުމަށް މި ސަރުކާރުން މީގެ ކުރިންވެސް މަސައްކަތް ކޮށްފައިވާއިރު، މިދިޔަ އަހަރު ކުޅިވަރާ ބެހޭ ވުޒާރާގެ އެހީއާއެކު ވަނީ ރާއްޖޭގެ ގައުމީ ބިލިއާޑް ޓީމަށް ފުރަތަމަ ފަހަރަށް ބޭރުގެ ކޯޗެއް ހަމަޖައްސާފައެވެ.