ސައިންސުވެރިންގެ ފެހި ސިގްނަލު ލިބުމުން ކޯވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިން ބާޒާރަށް ނެރުމުގެ މަސައްކަތް ފެށުމަށް އިންޑިޔާއިން ތައްޔާރަށް އޮތްކަމަށް އެ ޤައުމުން ބުނެފިއެވެ. ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތް އިންޑިޔާގައި މިހާތަނަށް 2.5 މިލިއަން މީހުންނަށް ކޯވިޑް-19ޖެހި 50،100 މީހުންވަނީ މަރުވެފައެވެ.
އިންޑިޔާގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވީ ޞިއްޙީ އަދި އިޤްތިޞާދީ ދާއިރާގައި އެހެން ބައެއްގެ މައްޗަށް ބަރޯސާ ނުވުމަކީ އޭނާގެ ސަރުކާރުން ޚާއްޞަ އިންކަންދޭ ކަމެއް ކަމަށެވެ. ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާ ދެކޮޅަށް އިންޑިޔާގައި ތިން ވެކްސިނެއް ތައްޔާރުކޮށް ތަހުލީލުކުރަމުންދާ ކަމަށާއި އެ ވެކްސިންތައް ބާޒާރަށް ނެރުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށް ދާނެކަމަށާއި ވީހާވެސް ކުޑަ މުއްދަތެއްގެ ތެރޭގައި އިންޑިޔާގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ބަލަންޖެހޭ ކަންކަން ނިމިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިނިވަން ދުވަސް ފާހަގަ ކުރުމުގެ ހަފުލާގައި 1.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގެ ކޮންމެ ރައްޔިތެއްގެ ޞިއްޙަތާބެހޭ ހުރިހާ މައުލޫމާތެއް ރައްކާކޮށްފައި ހުންނަ އިންޓަނެޓު މެދުވެރިކޮށް ބޭނުންކުރާ ނިޒާމެއްވަނީ އިފްތިތާހުކޮށްފައެވެ. ރައީސް މޯދީ ވިދާޅުވީ އެ ނިޒާމުގެ ތެރެއިން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓުމަންޓު ހެއްދުމާއި ލާރި ޖަމާކުރުމާއި ލިޔެކިޔުންތައް ރައްކާތެރިކޮށް ބެހެއްޓުމަށް އެހީވެދޭނެކަމަށެވެ.
މޯދީ އިތުރަށް ވިދާޅުވީ ބައިނަލް އަޤްވާމީ މައިދާނުގައި އިންޑިޔާގެ ބާރު އިތުރަށް ގަދަކުރުމަށް ޤައުމުގެ އިޤްތިޞާދު އަދިވެސް ވަރުގަދަކުރަންޖެހޭ ކަމަށެވެ. ބޭރު ޤައުމުތަކުން މުދާ އެތެރެކުރުން މަދުކޮށް ޤައުމުން ބޭރުކުރާ މުދާ އިތުރުކުރަންޖެހޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ޤައުމުގެ އުމްރާނީ ތަރައްޤީއަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 7000އަށް ވުރެ ގިނަ މަޝްރޫޢަށް 1.47 ޓްރިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރައްވާނެކަމަށާއި އޭގެ ސަބަބުން އިޤްތިޞާދު ކުރިއަރައި ކުދި ވިޔަފާރިތަކަށް ފުރުޞަތުތައް އިތުރުވެ ވަޒީފާގެ ފުރުޞަތުތައް ލިބޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.