ޚަބަރު

ތިނަދޫ ހޮސްޕިޓަލް ބޮޑުކުރުމުގެ މަސައްކަތް ފަށައިފި


ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ ސަރަޙައްދު ހުސްކޮށް، ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތުގެ ދަށުން އޯޕީޑީ ސަރަޙައްދާއި، އިމަރޖެންސީ ރޫމާއި، ލޭބަރ ރޫމްގެ އިތުރުން ޕްރައިވެޓް ރޫމްތައް ބޮޑުކުރުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 33.5މިލިއަން ރުފިޔާއަށެވެ.

ރީޖަނަލް ހޮސްޕިޓަލެއްގެ ގޮތުގައި ޚިދުމަތްދޭ މި ހޮސްޕިޓަލަކީ އެ ސަރަޙައްދުގެ ރަށްތަކުން ސިއްޙީ ޚިދުމަތް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ ހޮސްޕިޓަލެވެ.

ރާއްޖޭގެ 5 ސަރަޙައްދުގައި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމި ހޮސްޕިޓަލްތަކުގެތެރޭގައިވެސް ގދ.ތިނަދޫ ހޮސްޕިޓަލް ހިމެނެއެވެ. މިއަހަރުގެ ބަޖެޓުގައި މި މަސައްކަތް ކުރިއަށްގެންދިއުމަށް 90 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ޖާގައިގެ ދަތިކަމާއި، ޖާގައިގެ ސަބަބުން އިތުރު ޚިދުމަތްތައް ހޮސްޕިޓަލްގައި ނުފެށުމަކީ އެ ހޮސްޕިޓަލަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދަތި ކަމަށް އެހޮސްޕިޓަލުން ފާހަގަކުރެއެވެ.

ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އެމްޓީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 30ވަނަ ދުވަހުއެވެ.