ޚަބަރު

ރައީސް ޔާމީނާއި ވަކީލުން ބައްދަލުކުރުމުގެ ޢަމުރެއް ކްރިމިނަލް ކޯޓުން މިއަދު ނެރެނީ


ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރެއް ނެރުއްވާނެކަން ކްރިމިނަލް ކޯޓުން މިއަދު ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޯޓަށް ހުށައަޅާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ މިއަދު ބޭއްވި އިބްތިދާޢި އަޑުއެހުމުގައި ރައީސް ޔާމީނަށް ވަކީލުންނާއި ބައްދަލުނުކުރެވޭތާ ދޮޅުމަސްވެފައިވާކަމަށް އެމަނިކުފާނާއި އެމަނިކުފާނުގެ ވަކީލުން ވިދާޅުވުމުންނެވެ.

ރައީސް ޔާމީނާ ދެކޮޅަށް އުފުލާފައިވާ ޝަރީއަތުގެ ޢިބްތިދާޢީ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް މިހާރު ހުށައަޅާފައިވާ މައްސަލައިގެ އެއްވެސް ލިޔެކިއުމެއް މިހާތަނަށް ލިބިފައިނުވާކަމަށާއި، އެލިޔެކިއުންތައް ފެނުމުން ނޫނީ ޝަރީޢަތް ކުރިއަށްގެންދަން ފަސޭހަނޫންކަމަށެވެ.

ކަރެކްޝަންގެ ސިޓީއަކާއި ހަވާލާދީ ދަޢުލަތުގެ ވަކީލުން ވިދާޅުވީ ރައީސް ޔާމީނާ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ދީފައިވާކަމަށެވެ. އެގޮތުން އޮންނަ އުސޫލްގެ ތެރެއިން ޙުއްދަ ނަގައިގެންވެސް ޖަލަށް ބައްދަލުކުރަން ވަޑައިގެންނެވޭނެކަމަށް ވަކީލުންނަށް ކަރެކްޝަނުން އަންގާފައިވާކަމަށްވެސް ދަޢުލަތުގެ ވަކީލުން ވިދާޅުވިއެވެ.

ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ ކޯޓަށް މައްސަލަ ހުށައެޅުމަށްފަހު މިވީ މުއްދަތުގައި ދަޢުވާ ލިބޭ ފަރާތާއި ބައްދަލުވެފައި ނުވާކަން ދެފަރާތަކުގެ ވާހަކަތަކުންވެސް އެނގޭކަމަށެވެ. އަދި މި މައްސަލައަކީ އޭގެ ޒާތުން ބޮޑު މައްސަލައަކަށްވާތީ މައްސަލަ ރައްދުވާ ފަރާތާއި ދިފާޢީ ވަކީލުންނާ ސީދާ ބައްދަލުކުރެވޭނެގޮތަށް އެކެހެރި ބައްދަލުވުމެއް ދިނުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ކޯޓުން މިއަދު ޢަމުރެއް ނެރުއްވާނެކަމަށެވެ.

ދައުލަތުން މިއަދު ހުށައެޅި ލިޔެކިއުންތައްވެސް މައްސަލަ ރައްދުވާ ފަރާތާއި ދިފާޢީ ވަލީލުންނަށް ރައްދުކުރުމަށްފަހު 10 ދުވަހާ 15 ދުވަހާ ދެމެދު މި މައްސަލައިގެ އަޑުއެހުމެއް އަނެއްކާވެސް ކްރިމިނަލް ކޯޓުގައި ތާވަލުކުރާނެކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.