ޚަބަރު

ކޯވިޑް-19 : މިއަދު 107 މީހުން ޕޮޒިޓިވް


ރާއްޖެއިން އިތުރު 107 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 5679އަށް އިތުރުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިރޭ އިރުއޮއްސި 6 ޖެހުމާހަމައަށް ވޭތުވެދިޔަ 24 ގަޑިއުރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން 104 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތަކުން މިއަދު 3 މީހުން ޕޮޒިޓިވްވިއެވެ.

މިއަދު ޕޮޒިޓިވްވި 107 މީހުންގެ ތެރެއިން 73 މީހުންނަކީ ދިވެހިންނެވެ. އަދި ބަންގްލަދޭޝްގެ 29 މީހަކާއި އިންޑިއާއަށް ނިސްބަތްވާ 3 މީހެއްގެ އިތުރުން ސްރީލަންކާ މީހަކާއި ފިލިޕީންސް މީހަކުވެސް މިއަދު ޕޮޒިޓިވްވިކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 3139 މީހުންނަކީ ދިވެހިންނެވެ. އަދި ބަލިޖެހުނު ބިދޭސީންގެ ޢަދަދަކީ 2540އެވެ.

މިވަގުތު ރާއްޖޭގައި މި ބަލިޖެހިގެން 2449 މީހުންދަނީ ފަރުވާ ހޯދަމުންނެވެ. މީގެ ތެރޭގައި 1683 ދިވެހިން އަދި 766 ބިދޭސީން ހިމެނެއެވެ. މީގެ ތެރެއިން 146 މީހުންނަށް އެޑްމިޓްކޮށްގެންދަނީ ފަރުވާދެމުންދާއިރު 9 މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާކަމަށާއި، 3 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

މާލޭގެ އިތުރުން މިވަގުތު 14 ރަށެއްގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން އެބަތިބިކަމަށާއި 9 ރިސޯޓެއްގައި 13 މުވައްޒަފަކާއި 5 ފަތުރުވެރިއަކު ބަލިޖެހިފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ރަށެއް މިވަގުތު މޮނިޓަރިންގައި ނެތްކަމަށް އެސެންޓަރުން ވިދާޅުވިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ރާއްޖޭގައި މި ބަލި ދެނެގަތުމަށް 1008 ސާމްޕަލް ނަގާފައިވެއެވެ. އަދި މިހާތަނަށް މުޅިރާއްޖެއިން ޖުމުލަ 94865 ސާމްޕަލް ވަނީ ނަގާފައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި 5679 މީހުންގެ ތެރެއިން މިހާތަނަށް 3208 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިބަލީގައި 22 މީހުންވަނީ ނިޔާވެފައެވެ.